Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު ސިޔާސީ

އެމްޑީޕީ ތެރޭގައި އުޅެނީ ރިޔާސީ ޓިކެޓްގެ މައްސަލައެއް: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް. ފޮޓޯ: މިހާރު

އެމްޑީޕީގެ އެތެރޭގައި މިވަގުތު ދިމާވެފައިވާ މައްސަލައަކީ ރިޔާސީ ޓިކެޓްގެ މައްސަލައެއް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރެވެމުންނެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ކާމިޔާބު ކުރައްވާނޭ ކަމަށް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

"އައްޑޫލައިވް"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި އަބްދުއްރަހީމް ވަނީ އެމްޑީޕީގެ އެތެރޭގައި އަދި މަޖިލީހުގައި ހިނގާދާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ވިދާޅުވެފައިވަނީ ރައްޔިތުން އެމްޑީޕީއަށް ވެރިކަމާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ދީފައިވަނީ އެތައް އުންމީދުތަކެއް ކުރުމަށްފަހު ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބޮޑު މެޖޯރިޓީއެއް ދިނުމުން ރައްޔިތުންނާއި ޤައުމުގެ މަތިން ހަނދާން ނައްތާލާ އަމިއްލަ މަޤުސަދުތަކެއް ހާސިލު ކުރުމަށް އެތެރޭގެ ތަޅާފޮޅުމެއްގައި އުޅުމަކީ ރައްޔިތުން ބޭނުންވާނެ ގޮތް ނޫންކަމަށެވެ.

"މިއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަން ދެން އަންނަ އިންތިހާބެއްގައި ރައްޔިތުން ބުނާނެ."

މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، އެކަމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މި ސަރުކާރު ފައިލްވެފައި އޮތް އޮތުމާމެދު ރައްޔިތުންނަށް ވިސްނާލުމުގެ ޖާގައެއް ނުދީ އަބަދުވެސް އެކި ކަންކަމުގެ ތެރޭގައި ރައްޔިތުންގެ ވިސްނުން އެނބުރުމަށް އެކި ކަންކަން ސަރުކާރުން ކުރާކަމަށް ތުހުމަތު ކުރެއްވިއެވެ. ނަފްރަތުގެ ބިލާއި އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމާއި މިފަދަ ކަންކަމަކީ އެގޮތުން ހިނގާދާ ކަންކަމުގެ ގޮތުގައި ސިފަކުރެއްވިއެވެ.

މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ފާޑުކިޔަމުން އަންނައިރު އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަޓިކް ވެއްޓެއްގައި އެއީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ތެރޭގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރިޔާސީ ޓިކެޓްގެ މައްސަލައެއް ކަމަށެވެ.

"ހަގީގަތުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އެ ވިދާޅުވަނީ ރަނގަޅު ވާހަކައެއް. ދެއަހަރާ ބައިވެގެން ދިޔައިރު މި ސަރުކާރަށް ކުރެވުނު ކަމެއް ނެތްކަމަށް. އިބްރާހިމް މުހައްމަދު ސޯލިހަށް ވާނުވާއެއް ނޭންގުނު."

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝިދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބެން އޮތީ ރައީސް ސޯލިހް ރައްޔިތުންގެ ކުރިމަތީގައި ބަދުނާމު ކޮށްގެންކަމަށާއި، އަދި ސަރުކާރުން ކަމެއް ނުކޮށް އޮތުމުން އެކަމަކީ ވަރަށް ފަސޭހައިން ކުރެވޭނެކަމެއްކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލަށްވެސް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެއީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ބިލެއްކަމަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް އެބިލަކީ ސަރުކާރުގެ ބިލެއްކަމަށެވެ. އަދި އެބިލު މަޖިލީހުގައި ބާއްވައިގެން ނުވާނެކަމަށާއި، އެ ބިލު ފާސްނުކޮށް ސަރުކާރުން އެ ބިލު އަނބުރާ ގެންދަންޖެހޭނެކަމަށެވެ.

ސަރުކާރު ކޯލިޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޯލިޝަން ހިފަހައްޓައިގެން ހުންނަވަނީ ވެރިކަން ދިފާއު ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި، އެހެންނަމަވެސް އޭގެޒާތުގައި ކޯލިޝަން ވަރަށް އަވަހަށް ރޫޅޭނެކަމަށެވެ. އަދި ހާއްސަކޮށް ރިޔާސީ އިންތިހާބުގެ ކަންކަމުގައި ޕާޓީތަކުން މަސައްކަތް ފަށާ ހިސާބުން ކޯލީޝަނެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.