Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

"ހަތަރު ވޯލްޑް ކަޕް ހޯދިޔަސް މަރަޑޯނާގެ ލެވެލަށް މެސީއަށް ނުދެވޭނެ"

ހަތަރު ވޯލްޑް ކަޕް ކާމިޔާބު ކުރިޔަސް ޑިއޭގޯ މަރަޑޯނާގެ ލެވަލަށް ލިއޮނަލް މެސީ އަށް ނުދެވޭނެ ކަމަށް އާޖެންޓީނާ އަށް ކުރިން ކުޅުނު މާރިއޯ ކެމްޕެސް ބުނެފިއެވެ.

މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު މިދިޔަ ހަފްތާގައި 1-0 އިން ބްރެޒިލް ބަލިކުރުމަށްފަހު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ.

އެ ކާމިޔާބީއާއެކު މެސީ އަށް ތައުރީފު އޮހެމުންދާއިރު "އީއެސްޕީއެން" އަށް ދިން އިންޓަވިއުއެއްގައި ކެމްޕެސް ބުނީ މަރަޑޯނާގެ ރިޕްލޭސްމެންޓަކަށް މެސީ ވުމަކީ އޭނާ އަށް ލިބުނު ބަދު ނަސީބެއް ކަމަށާއި އެގޮތުން މަރަޑޯނާއަކީ މުޅި ދުނިޔެ ވެސް ދަންނަ މީހަކަށްވާއިރު އެފަދަ ފަރާތެއް ފަހަނައަޅާ ދިޔުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"މެސީ ބޭނުންވިޔަސް މަރަޑޯނާ އަށްވުރެ މޮޅެއް ނުވެވޭނެ. އެއީ ވަރިހަމަ ޖެހިޖެހިގެން ހަތަރު ވޯލްޑް ކަޕް ކާމިޔާބުކުރިޔަސް. އަދި އެންމެ ވޯލްޑް ކަޕެއް ވެސް މެސީ އަށް ކާމިޔާބެއް ވެސް ނުކުރެވޭ" 1978 ވަނަ އަހަރު އާޖެންޓީނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކެމްޕެސް ބުންޏެވެ.

އަދި މެސީ ކިތަންމެ ގިނަ ތަށްޓަކާއި މޮޅުތަކެއް ހޯދިޔަސް މަރަޑޯނާ ކުރި ކަންތައްތަކާއި އަޅާނުކިޔޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކޮޕަ އެމެރިކާގެ ތަށި ހޯދުމުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު ހޯދުމުގެ މަގުވެސް މިހާރު ވަނީ ވަރަށް ބޮޑަށް ފަހިވެގެން ގޮސްފައެވެ. މެސީ ވަނީ އެ އެވޯޑު ހަ ފަހަރެއްގެ މަތިން މިހާތަނަށް ކާމިޔާބުކޮށްފައެވެ.