Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ސީޒަނުގެ ފުރަތަމަ ދެ މަސް ރަޝްފޯޑަށް ގެއްލިދާނެ

ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހެދުމަށް ނިންމާފައިވާތީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑަށް ސީޒަނުގެ ފުރަތަމަ ދެ މަސް ގެއްލިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ބޮޑުބައެއް ރަޝްފޯޑް ކުޅެފައިވަނީ ކޮނޑަށް ލިބުނު އަނިޔާއާއެކު ކަމަށްވާއިރު އިއްޔެ ރަޝްފޯޑް ވަނީ ސްކޭނެއް ހަދާފައެވެ. އެގޮތުން އެ ސްކޭނުން ކޮނޑަށް ލިބުނު އަނިޔާ ބޮޑުވެފައިވާ ކަމަށް ދައްކާފައިވާއިރު އޮޕަރޭޝަން ކުރުމަށް ލަފާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން އެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ މި މަހަށްފަހުއެވެ. އެއާއެކު ރަޝްފޯޑް ސީޒަނުގެ ފުރަތަމަ ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 23 އަހަރުގެ ރަޝްފޯޑް ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ކުޅެދިން 37 މެޗުގައި 11 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝްފޯޑް އިންގްލޭންޑްގެ ގައުމީ ޓީމަށް ފަސް މެޗު ކުޅެދިން ނަމަވެސް އޭނާ އަރާފައިވަނީ ބެންޗުންނެވެ.

ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ރަޝްފޯޑް ހުންނަން ޖެހޭއިރު، ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ޖޭޑަން ސަންޗޯ އިއްޔެ ވަނީ އެ ކްލަބުގެ މެޑިކަލް ފުރިހަމަކޮށްފައެވެ. ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ 73 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.