Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އިތުރު ފަސް އަހަރަށް މެސީ ބާސާގައި މަޑުކުރަނީ

ބާސެލޯނާ އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ލިއޮނަލް މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 34 އަހަރުގެ މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާއިރު އޭނާ އަކީ މިހާރު ފްރީ އެޖެންޓެކެވެ. ނަމަވެސް ބާސާ ނޫން އެހެން ކްލަބަކަށް ކުޅުމުގެ ވިސްނުމެއް މެސީ ނުގެންގުޅެއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމަކާ ގުޅޭގޮތުން މެސީ އާއި ބާސާ އާއި ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ކޮންޓްރެކްޓް އާކުރަން އެއްބަސްވުމުގެ އިތުރުން ކުރިން ލިބެމުންދިޔަ މުސާރައިން 50 ޕަސެންޓް ކުޑަކުރަން ވެސް މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ބާސާގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުން މެސީ ނިންމި ނިންމުމެކެވެ.

ރިޕޯޓުތައް ބުނާގޮތުން މި މަސް ނިމުމުގެ ކުރިން މި އެއްބަސްވުން ރަސްމީކޮށް އިއުލާން ކުރަން ބާސާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އާޖެންޓީނާގެ ގައުމީ ޓީމާއެކު ކޮޕަ އެމެރިކާ ކާމިޔާބު ކުރުމަށްފަހު މެސީ މިވަގުތު ހުރީ ޗުއްޓީގައެވެ.

މީގެއިތުރުން ހަރަދުތައް ކުޑަކުރުމަށް ބާސާ އިން އަންނަނީ އެ ކްލަބަށް ކުޅެމުން އަންނަ އެންޓުއާން ކްރިޒްމަން އެތްލެޓިކޯ މެޑްރިޑަށް ދިނުމަށްފަހު، އެތްލެޓިކޯ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސައުލް ގެނައުމުގެ މަޝްވަރާތައް ވެސް ކުރަމުންނެވެ.