Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ޕީޕީއެމްއަަށްވީ ގޮޮތަަށް އެމްޑީޕީ ދެ ފަޅިވެދާނެ ބާ؟

ސިޔާސީ ގޮތުން ރާއްޖެ މިއަދު ދެކެން ޖެހިފައިމިވަނީ ވަރަށް ވެސް ތަފާތު މަންޒަރެކެވެ. ރާއްޖޭގެ އެންމެ ދޮށީ ޕާޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ދެ ރައީސުންގެ ފިކުރު އެއްގޮތް ނުވެ އަރާރުން އުފެދިފައިވާތަނެވެ. މިއީ "ސަޕްރައިޒް"އެކޭ ބުނެވޭކަށް ނެތެވެ. މި ވެރިކަމުގެ ކޮންމެވެސް ހިސާބެއްގައި މިކަން މިގޮތަށް ދިމާވެދާނެކަމަށް ވަރަށް ގިނަ މީހުން އައީ ދެކެމުންނެވެ.

ފެންނަ ފެނުމަށް އެމްޑީޕީގެ ތެރޭގައި މިހާރު ދިމާވެފައިވަނީ ސިޔާސަތުގެ މައްސަލައެކެވެ. އެމްޑީޕީގެ ރައީސް އާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތަފާތެކެވެ. އުޒުރެއްގެ ގޮތުގައި ދައްކަނީ ބައެއްކަންކަމުގައި އެއްގަލަކަށް ނޭރި ސިޔާސީ ވިސްނުން ތަފާތުވާ ވާހަކައެކެވެ. ވެރިކަމުގެ ނިޒާމުގެ ބަހުސްވެސް މީގެ ތެރޭގައި މުހިންމު ދައުރެއް އަދާކުރެއެވެ.

ރައީސް ނަޝީދު ވަކި ކަންތައްތަކެއް ބޭނުންވެލައްވާއިރު, ރައީސް ސޯލިހްގެ ފަރާތުން އެދިލައްވަނީ އެކަންކަން ރައީސް ނަޝީދު ބޭނުންފުޅުވެ ލައްވާ ގޮތަކަށް ކުރެއްވުމަށެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެދިލައްވާ އެދިލެއްވުންތަކެކެވެ. ރައީސް ސޯލިހް ވިދާޅުވަނީ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ ވައުދުތައް ފުއްދެވުމަށްކަމަށެވެ. އިތުރު ދައުރަކާއި މެދު ވިސްނުންފުޅު ގެންގުޅުއްވާކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނޫނެވެ.

ޕީޕީއެމަށް ވީގޮތް އެމްޑީޕީއަށް ވެދާނެތަ؟

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޕީޕީއެމަށްވެސް ދިމާވީ ހަމަ މިފަދަ ގޮތެކެވެ. ޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް ޔާމިންގެ ހިޔާލު ބައެއް ކަންކަމުގައި ތަފާތުވީއެވެ. ރައީސް މައުމޫން އަތުން ޕާޓީ އަތުލެއްވުމަށްފަހު ގޮށްމުށުގެ ބާރު ރައީސް މައުމޫނަށް ރައީސް ޔާމީން ދެއްކެވިއެވެ. ޕާޓީގެ އޮފީހާއި ގޮނޑި މޭޒު އަތުލާ, މުޅި ޕާޓީގެ ކޮންޓްރޯލް ނެންގެވީއެވެ. ސިޔާސީ ގޮތުން ރައީސް މައުމޫން އެކަހެރި ކުރައްވާ އަމިއްލަފުޅަށް ވެރިކަން ކުރެއްވީއެވެ.

އާރާބާރުގައި ހުންނަވައި ރައީސް ޔާމީން ޖެއްސެވި "ސިޔާސީ ސަކަރާތް" ރައީސް ސޯލިހް ނުކުރައްވާނެކަމަށް ވަރަށް ގިނަ ފަރާތްތަކުން ދެކެއެވެ. ހާއްސަކޮށް ރައީސް ނަޝިދު އެކަހެރި ކުރައްވާ ޕާޓީން ބޭރުކޮށް ޕާޓީ ހިސޯރު ނުކުރާނެކަން ޔަގީނެވެ.

އެހެންނަމަވެސް ވެރިކަން ކުރެއްވުމަށް އަދި ބޭނުންފުޅުވާ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ސިޔާސީގޮތުން ޕާޓީގެ އެތެރެއިންނާއި ބޭރުން މަސައްކަތް ނުކުރައްވާނެއެކޭ ނޫނެވެ. ހިތްހަމަ ނުޖެހުން ފެށިގެން އައީ އެކަންކަން މާބޮޑަށް ގެންގުޅުއްވުމުން ކަމަށް ބައެއް ފަރާތްތަކުން ނެކެއެވެ. އެހެންނަމަވެސް ވެރިކަމެއް ކުރައްވާ, ކަންތައްތަކެއް ކުރައްވަން ވިސްނުންފުޅު ގެންގުޅުއްވާއިރު "ބަސް ނުވިކޭ އޮޑީގެ ދިރުނބާކޮޅަށް އަރާ" އިންނަވާ އުސޫލުން އަތް އުރާލައްވައިގެންވެސް ނީންނަވާނެއެވެ. ފެންނަނީ އެމަންޒަރެވެ.

އެހެންނަމަވެސް އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވެ, ސީދާ ވެރިކަމާ ދެކޮޅަށް ޕާޓީގެ ތެރެއިން ނިކުންނެވިކަން ހާމަކުރެއްވުމުން, ކޮންމެވެސް އެއް ލީޑަރެއް "އެހެލާތަން" ފެނުމަކީ ދުރުގާ އޮތްކަމެއްކަމަށް ނޫނެވެ.

ހަމަޖެހިލައިގެން ވެރިކަން ކުރުމުގެ ފުރުސަތު ދެއްވާ!

ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕިއަށެވެ. މިއީ އެމްޑީޕީގެ ފުރިހަމަ ސަޕޯޓާއި އަދި އެއްބާރުލުމާއެކު އެމަނިކުފާނަށް ވެރިކަން ކުރުމަށް ފުރުސަތު ދެއްވަންވީ ވަގުތެވެ. ވަކި ސިޔާސީ ޝަހުސެއްގެ "ކަރުހިއްކުން ފިލުވުމަށް" މަސައްކަތް ކުރައްވަންވީ ވަގުތަކީ މިއީއެއް ނޫނެވެ.


އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓިއެކެވެ. މިހާތަނަށް އެމްޑީޕީގެ ގޮތުގައި ޕާޓީ މިހާތަނަށް ދެމި އައީވެސް އެ އަސާސްތައް އެގޮތުގައި ބޭއްވީތީއެވެ. މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާއާ މެދު ހިތްހަމަ ނުޖެހޭކަމުގައިވާނަމަ, ރިޔާސީ އިންތިހާބާ ކައިރިކޮށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ތެރެއިން އެކަން ނިންމަވާށެވެ. ޑިމޮކްރަސީގެ ހަމަތައް އިސްކުރައްވާށެވެ.

އެހެންނަމަވެސް ޕާޓީގެ ޤައުމީ މަޖިލީހުން ވަކިގޮތަކަށް ނުނިންމަނީސް, އަމިއްލަފުޅަށް އާ އިއްތިހާދު ބޭނުންވާކަން އިއުލާނު ކުރައްވާ, ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނުތަނަވަސް ކަން އުފެދޭގޮތަށް އުޅެއްވުން ވާނީ އެކަމުގެ ސަބަބުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްވެސް ބުރޫ އަރާނެ ކަމަކަށެވެ. އަދި އަމުދުން އިދިކޮޅު ސިޔާސީ ޕާޓީއަށް ވެރިކަން ކުރާ ޕާޓީގެ ތެރެއިން ވަކި ޝަރުތުތަކަކާ އެކު "އާ ގުޅުމެއް ފެށުމަށް" ހުށަހަޅުއްވާ, މަސައްކަތް ކުރެއްވުންވެސް ވާނީ މުޅިން ހަމަޖެހޭ ކަމަކަށް ނޫނެވެ.

ވެރިކަމާއި ބާރާއި އީގޯ އަކީ އެންމެންވެސް އޭގެ ފަހަތުން ދުވާ, އަދި އެކަންކަމަށް އެންމެވެސް ބޭނުންވާ އެއްޗިއްސެވެ. އެހެންނަމަވެސް އެމްޑީޕީގެ ތެރެއިން މިއަދު މިފެންނަނީ ރައްޔިތުން އަދި ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. ބަރުލަމާނީ އަށް ބަދަލުކުރުމަށް ބޭނުންފުޅުވެލެއްވި ނަމަވެސް ނުވަތަ އެހެން ގޮތަކުން މިއަދުގެ ވެރިކަން ބަދަލުކުރައްވަން ބޭނުންފުޅުވެ ކޮންޓްރޯލް ހޯއްދަވަން ބޭނުންފުޅުވެލެއްވި ނަމަވެސް, މިހާރު އެމްޑީޕީގެ މަތިފަޑިން ފެނިގެން ދަނީ އާންމު މެމްބަރުން އެންމެ ހިތްއެދޭ މަންޒަރެއް ނޫނެވެ.

ރަނގަޅުވެ. ވެރިކަން ކުރައްވަމުން އަންނަ ގޮތުގައި ބަދަލު ގެންނަންޖެހޭ އަދި ރައްޔިތުން ހިތްހަމަ ނުޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އެހެންނަމަވެސް ޕާޓިގެ ތެރެއިން ސީދާ "ވެރިމީހާޔާ ތޮޅުމަކީ" އެންމެ ބުއްދިވެރިގޮތެއް ކަމަށް ނުފެނެއެވެ. ސިޔާސީ ގޮތުން ބަދަލުކުރައްވަން ހުންނަ ކަންކަން އެމަގުން ކުރައްވާށެވެ. އެހެންނަމަވެސް ރައްޔިތުން ނޫނެކޭ ބުނެ ބަދަލުކުރި ކަމަކަށް އެނބުރި ރުޖޫއަވެ, "އުނބަށް ޖަހާ" އުސޫލުން އޭގެ އެހީއަށް އެދުމަކީވެސް އެންމެ މޮޅުގޮތެއް ނޫނެވެ.