Last Updated: July 10, 09:47
Thursday, July 10, 2025
ކުޅިވަރު

ރޮނާލްޑޯ އަކީ މޮޔައެއް ކަމަށް ޕެރޭޒް ބުނާ އޯޑިއޯއެއް ލީކުކޮށްލައިފި

ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ "މޮޔައެއް" ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނާ އޯޑިއޯއެއް ލީކުކޮށްލައިފިއެވެ.

އިއްޔެ ލީކުކޮށްލި މި އޯޑިއޯތަކަކީ 2012 ވަނަ އަހަރު ޕެރޭޒް ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯތަކެކެވެ. އޯޑިއޯ ރެކޯޑިންތައް ލީކުކޮށްލާފައިވަނީ އެލް ކޮންފިޑެންޝަލް ނަމަކަށް ކިޔާ ވެބްސައިޓަކުންނެވެ.

އެގޮތުން މި ރެކޯޑިންގައި ޕެރޭޒް ބުނެފައިވަނީ ރޮނާލްޑޯ އަކީ މޮޔައެއް ކަމަށާއި، އޭނާ ކުރާ ކަންކަމަކީ މޮޔަނޫން މީހަކު ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ. މީގެއިތުރުން މި އޯޑިއޯތަކުގައި 2012 ވަނަ އަހަރު ރެއާލްގެ ކޯޗަކަށް ހުރި ހޯޒޭ މޮރީނިއޯ އަށް ވެސް ފާޑު ވިދާޅުވެ ޕެރޭޒް ވާހަކަދައްކާފައިވެއެވެ.

އެގޮތުން މޮރީނިއޯ އަކީ މުޅިން ހަމަ މީހެއް ނޫން ކަމަށާއި މި ދެ މީހުންނަކީވެސް "އީގޯ" ބޮޑު އަދި ގެންގުޅެން ވެސް އުނދަގޫ ދެ މީހުން ކަމަށްވެސް އެ އޯޑިއޯތަކުގައި ޕެރޭޒް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެލް ކޮންފިޑެންޝަލް އިން ވަނީ ރެއާލްގެ ދެ ލެޖެންޑުން ކަމަށްވާ އިކާ ކަސިއަސް އާއި ރައުލް ގޮންޒާލޭޒްގެ އިތުރުން އެޓީމަށް ކޯޗުކަން ކޮށްދިން ޑެލް ބޮސްކޭ އާއި ޑިފެންޑަރު ފަބިއޯ ކޮންޓްރާއޮ އާއި ގުޅޭގޮތުން ޕެރޭޒް ދައްކާފައިވާ ބޭއަދަބީ ވާހަކަތަކުގެ ރިކޯޑިންތައް ވެސް ލީކުކޮށްލާފައެވެ.

އެ ރިކޯޑިންތައް ލީކުވުމާއެކު ޕެރޭޒް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މިކަމާ ގުޅިގެން ޕެރޭޒް ވިދާޅުވީ ދައުރުވަމުންދާ އޯޑިއޯ އަކީ މީގެ އަހަރުތަކެއް ކުރިން އޭނާ އާއި ސްޕެއިންގެ ނޫސްވެރިއެއް ކަމަށްވާ ހޯސޭ އަލްބާޓޯ އަބޭލާންއާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ސިއްރުން ރެކޯޑްކޮށްފައިވާ ވާހަކަތަކެއް ކަމަށެވެ.

އަދި އޯޑިއޯ ދައުރުކުރަމުންދަނީ ދެކެވުނު ވާހަކަތައް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށާއި މީގެ ބޭނުމަކީ ޔޫރަޕިއަން ސުޕަރ ލީގުގައި އޭނާ އަދާކުރި ރޯލާއި ގުޅިގެން އަގުވައްޓާލުން ކަމަށް ޕެރޭޒް ވިދާޅުވިއެވެ. އަދި ގާނޫނީ ގޮތުން މިކަމުގައި ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.