Last Updated: April 28, 09:50
Sunday, April 28, 2024
މުނިފޫހިފިލުވުން

"ފަތިސްހަނދުވަރުގެ ފެށުން" މި އަހަރުގެ އެންމެ އުންމީދީ ފިލްްމް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު 1996 ވަނަ އަހަރު "ހަވީރު" ނޫހުގައި ގެނެސް ދިން ބިރުވެރި ވާހަކަ "ފަތިސްހަނދުވަރު" ގެ ޕްރީކްއެލްއެއްގެ ގޮތުގައި ގެނެސްދޭ "ފަތިސްހަނދުވަރުގެ ފެށުން" 3ޑީ ފިލްމް މި އަހަރުގެ ތެރޭގައި ސްކްރީނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

"ފަތިސްހަނދުވަރު" ފިލްމެެއްގެ ގޮތުގައި ބެލުންތެރިންނާ ހަމަައަށް އަައިސްފައި ވަނީ 1997 ވަނަ އަހަރު އެވެ. "ޖިނާ: ފަތިސްހަނދުވަރުގެ ފެށުން" ވާހަކަ "ހަވީރު" ނޫހުގައި ގެނެސް ދީފައި ވަނީ 2009 ވަނަ އަހަރު އެވެ.

އަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ "ފަތިސްހަނދުވަރުގެ ފެށުން" ސިނަމާ އަށް ގެންނާނެ ކަމަށް އެންމެ ފަހުން އިއުލާންކޮށްފައިވާ ތާރީހަކީ މި މަހުގެ 28 އެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތް އެހާ ތަނަށް ނުނިމޭތީ މި ފިލްމް ސްކްރީނަށް އައުން ލަސްވުން އެކަށީގެންވެ އެވެ. މި ފިލްމް ސްކްރީނަށް ގެނައުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 އެވެ.

ކާމިޔާބް ފިލްމްތަކެެއް ގެނެސް ދީފައިވާ ޑާކް ރެއިން އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ "ފަތިސްހަނދުވަރުގެ ފެށުން" ގައި މުހިއްމު ރޯލްތައް އަދާކޮށްފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު ފަރީލާ، އަހުމަދު ނިމާލް، އަހުމަދު ސައީދު އަދި މުހައްމަދު ފައިސަލް ފަދަ ތަރިން ހިމެނެ އެވެ. މިއީ ރާއްޖޭގައި އުފެއްދި ފުރަތަމަ 3ޑީ ފިލްމެވެ.

"ފަތިސްހަނދުވަރުގެ ފެށުން" ގައި ކިޔައި ދޭނީ ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދު ލީޑް ރޯލް ކުޅުނު "ފަތިސްހަނދުވަރު" ގެ ކުރިން ހިނގާފައިވާ ހާދިސާތަކެވެ. އެގޮތުން "ފަތިސްހަނދުވަރުގެ ފެށުން" ނިމޭނީ ރީކޯ (ޖިނާ) އާއި ނިއުމާ (ޒޫނާ) ދަތުރު ގޮސް އުޅުމުގެ ތެރޭގައި ތުނޑިއަކުން ދިމާވާ ހިސާބުންނެވެ.

"ފަތިސްހަނދުވަރުގެ ފެށުން" ގައި ކިޔައި ދެނީ ޖިނާ (ޔޫއްޕެ) ޒޫނާ އާ ދިމާވުމުގެ ކުރިން އޭނާގެ ހަޔާތުގައި ހިނގާފައިވާ ހާދިސާތަކެވެ.

"ފަތިސްހަނދުވަރުގެ ފެށުން" އަކީ މި އަހަރު ރިލީޒްވާން ހުރި ފިލްމްތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމްކަން ފާހަގަކޮށްލެވެ އެވެ.