Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފެންބޮޑުވެގެން މުމްބާއީއިން 20 މީހުން މަރުވެއްޖެ

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން އިންޑިއާގެ މުމްބާއީއިން 20 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް އިން ބުނެފައިވާ ގޮތުގައި އާދީއްދަ ދުވަހު ވެހުނު ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން ކޯސްޓަލް މަހުލް އޭރިއާއިން އެކަނި ވެސް 14 މީހުން ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ގެތައް ވަނީ ބިމާއި ހަމަވެފައެވެ.

ވެއްޓިފައިވާ ގެތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ކަމާއިބެހޭ ފަރާތްތަކުން ފަށާފައެވެ. މީހުން ސަލާމަތް ކުރުމުގެ އޮޮޕަރޭޝަން ނިމުމުން މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ ގާތް ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

20 މިލިއަން މީހުން ދިރިއުޅޭ މުމްބާއީ ސަރަހައްދަށް ކުރިޔަށް އޮތް ދެ ދުވަހު ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ވަނީ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ދެއްވާނެ ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.