Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ބަންގްލަދޭޝް އިން އީދަށް ލޮކްޑައުން ނަގައިފި

ލޮކްޑައުން ނެގުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނަމުން ދަނިކޮށް ބަނގްލަދޭޝްއިން އީދާއި ދިމާކޮށް 8 ދުވަހަށް ލޮކްޑައުން ނަގައިފިއެވެ.

ބަނގްލަދޭޝްގައި މިވަގުތު ދަނީ ޑެލްޓާ ވޭރިއަންޓް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ފަދަ ދަނޑިވަޅެއްގައި އީދުގެ މުނާސަބަތުގައި ލޮކްޑައުން ނަގާ ލުއިތައް ދިނުމުގެ ސަބަބުން އެންމެން އެއްވެ އުޅުން ގިނަވެ، ފަހުން ހިތާމަ ކުރަންޖެހޭ ހާލަތަކަށް ގައުމު ގޮސްދާނެކަމުގެ ބިރު އޮތްކަމުގެ އިންޒާރު ތަޖުރިބާކާރުން ދަނީ ދެމުންނެވެ.

ޕަބްލިކް ހެލްތް ތަޖުރިބާކާރެއް ކަމަށްވާ ބޭނަޒީރު އަހްމަދު ބުނެފައިވާ ގޮތުގައި މިހާރު ވެސް އައިސީޔޫތައް ވަނީ ފުރިފައެވެ. އެތައް ބަޔަކަށް އެނދު ލިބުމުގެ ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި މީގެ އިތުރުން ސިއްޚީ ޚިދުމަތްތެރިން ވަނީ ވަރުބަލިވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. މިފަދަ ހާލަތެއްގައި އޮއްވާ ޕޭޝަންޓުން އިތުރުވާ ހާލަތެއް އަތުވެއްޖެނަމަ ސިއްޚީ ދާއިރާއަށް ނުހިފެހެއްޓޭނެ ފަދަ ހާލަތަކަށް ގޮސްދާނެކަމަށް ބޭނަޒީރު ވަނީ ބުނެފައެވެ.

ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ އިރުވެސް ކޮންމެ ދުވަހަކު 200 އެއްހާ މީހުން އެ ގައުމުން ކޮވިޑް ޖެހިގެން ދަނީ މަރުވަމުންނެވެ. އަދި 11000 އަށްވުރެ ގިނަމީހުން ކޮންމެ ދުވަހަކު ޕޮޒިޓިވްވެއެވެ. އާދީއްތަ ދުވަހު އެކަނި ވެސް އެ ގައުމުން 225 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަދި 11758 އައު ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ.

މިހާލަތުގައި ގައުމު އޮއްވާ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ބަނގްލަދޭޝްގެ ސަރުކާރުން ވަނީ ޖުލައި 15ން ފެށިގެން 23 އާއި ހަމަޔަށް ލޮކްޑައުން ނަގާފައެވެ. އީދު ފާހަގަ ކުރުމަށް ހުރިހާ ކަމެއް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

160 މިލިއަން އާބާދީއެއް އޮންނަ ބަނގްލަދޭޝްގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވަނީ 4 މިލިއަން މީހުންނެވެ.