Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ހައްޖު ހުތުބާ: ނަފްރަތު ނައްތާލައި، އޯގާތެރިކަން އިސްކުރޭ!

މުސްލިމުން އެކަކު އަނެކަކަށް ނަފްރަތުވުން ނައްތާލައި، އޯގާތެރިކަން އިސްކުރުމަށް ހައްޖު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.

ހައްޖު ހުތުބާ މިފަހަރު ދެެއްވީ ޝައިހް ބަންދަރް ބިން އަބްދުލް އަޒީޒް އެވެ.

އަރަފާތު ބިމުގައި މިއަދު އިއްވި ހައްޖު ހުތުބާގައި ޝައިހް ވިދާޅުވީ މުސްލިމުންގެ ހިތްތަކުން ނަފްރަތު ނައްތާލައި ކޮންމެ ދުވަހަކު ވެސް ކުރާ ހުރިހާ ކަމެއްގައި އެކަކު އަނެކަކަށް އޯގާތެރިކަން އިސްކުރަންޖެހޭ ކަމަށެވެ. އަދި މާތްﷲ އަށްޓަކާ އެކަކު އަނެކަކަށް މައާފު ކުރުމަށް ވެސް ހައްޖު ހުތުބާގައި ވަނީ ބާރުއަޅާފައެވެ.

މީގެއިތުރުން ހުތުބާގައި ވަނީ އިޖުތިމާއީ ޒިންމާތައް އަދާކޮށް ގޯސް ކަންކަމުން ދުރުހެލިވުމަށް ހެދިފައިވާ ގާނޫނުތަކަށް ބޯލެނބުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި ފައިސާގެ ކަންކަމުގައި އެކަކު އަނެކަކަށް މަކަރު ނުހެދުމަށާއި، ހަމަނުޖެހުމާއި ހައްދުފަހަނައެޅުމުން މުޖުތަމައުތައް ސަލާމަތްކޮށްފައި ބޭއްވުމަށް ވެސް ޝައިހް ވަނީ ހުތުބާއި ބާރުއަޅާފައެވެ.

އަދި ހައްޖަކީ މުސްލިމުންގެ ފަސްވަނަ ރުކުން ކަމަށްވާއިރު އެ އަޅުކަން އަދާކުރެވެން ހުރި މީހުން އަވަހަށް އެ އަޅުކަން ފުރިހަމަ ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާތްﷲ ގެ ހަޟްރަތުގައި ދަރުމަ އާއި ސަވާބު ގިނަގުނަ ކަމަށާއި އެކަނލާގެ ހަޟްރަތުން ފާފަތައް ފުއްސެވުން އެދި ދުއާ ދެންނެވުމުގެ ދޮރު ބަންދު ނުވާކަން ފާހަގަކުރައްވަމުން ޝައިހް ވަނީ އަބަދުވެސް މާތްﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުން އެދި ދުއާ ދެންނެވުމަށް ވެސް މުސްލިމުންނަަށް ބާރުއަޅާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުގައި ބައިވެރިކުރަން ސައުދީ އަރަބިއްޔާ އިން ނިންމާފައިވާ އަދަދަކީ 60،000 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ ހިމެނެނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނެވެ. އަދި ހައްޖުގައި ބައިވެރިވާ 60،000 މީހުންނަކީ ވެސް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ.