Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި މިހާރު ނެތް: މޫސަ

އެމްޑީޕީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮންޓްރޯލް މިހާރު ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ މިވަގުތުގައި، އެ ޕާޓީގެ އެކި ގުނަންތަކުން ނަޝީދާއި އެއްކޮޅަށް ބަޔާންތައް ނެރެމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިންގަން ހުރީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބުނާ ޕާޓީގެ އިސް ލީޑަރު ކަމަށާއި ޕާޓީގެ ރައީސްގެ ފަރާތުން އެދިގެން ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރަން ޤަރާރު ނެރުމަކީ އަސާސީ ޤަވާއިދު ދަންނަ ކަމެއް ނޫން ކަމަށެވެ.

"ކިތަންމެ ވަރަކަށް ރައީސް ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި އޮތް ކަމަށް ދެއްކިޔަސް މިހާރު ނެތް" މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވިއިރު "ނަފުރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ފަސްޖެހޭނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ވެސް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެމނިކުފާނާ ހަވާލާދީ ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލަކީ ރާއްޖޭގައި މީހުންނާމެދު ދީނީގޮތުން ނަފްރަތު އުފެއްދުމުގެ ސަބަބުން ދޭ ހަމަލާތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލެއްކަމަށެވެ.

އެހެންނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުޑަ އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން އެ ބިލަށް ކުރި ތާއީދު ގެންގޮސްފައިވާކަމަށާއި، އަދި އަދާލަތު ޕާޓީން ރައީސް ސޯލިހްގެ އެފަދަ އެތައް ނިންމުމަކަށް ނުފޫޒު ފޯރުވާއިރު އެގޮތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވާ ނަފުރަތުގެ ބިލު ފާސްކުރުމަށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފައެވެ. އެގޮތަށް އެބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ އިތުރަށް ދިރާސާކުރުމަށް ކަމަށް ބުނެއެވެ.