ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިރޭ ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ނިންމަވައިފިއެވެ.
މަލީހް ޕީޕީއެމްއަށް ސޮއިކުރައްވާނީ މިރޭ 21:00 ގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އިތުރު އެހެން ފަރާތްތަކެއް ވެސް ޕީޕީއެމް އަށް ސޮއިކުރުން އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މަލީހު އަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ނަމަވެސް މިނިސްޓަރު ކަމުން ވަކިކުރެއްވުމުން މަލީހު ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފައެވެ.
އޭގެފަހުން މަލީހު ދެން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފައެވެ.
އޭގެ ފަހުން މަލީހު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.