Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ރުކުމާ އާއި ވައްޑެ ވެސް ޕީޕީއެމް އަށް

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) މިރޭ ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ އިތުރުން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވެސް މިރޭ ވަނީ ޕީޕީއެމް އަށް ސޮއިކުރައްވާފައެވެ. މި ތިން ބޭފުޅުންގެ ފޯމާއި ވެސް ހަވާލުވީ މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަން ވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވީ 2019 ވަނަ އަހަރުއެވެ. އަދި ރުކުމާ ވަނީ އެ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާފައެވެ. ނަމަވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރުކުމާ ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުކޮށްދިނުމަށް ވެސް މަސައްކަތް ކޮށްދީފައެވެ.

ލޯޔަރު ވައްޑެ އަކީ މީގެކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، 2017 ވަނަ އަހަރު އެ ޕާޓީން ވަނީ އޭނާ ވަކިކޮށްފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން އޭނާ އެ ޕާޓީން ވަކިނުވާ ކަމަށް ހުކުމްކޮށްފައިވެއެވެ. ވައްޑެ އެންމެފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.