Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޔާމީން ކުރެއްވީ ވަރުގަދަ ވެރިކަމެއް: މަލީހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވީ ވަރުގަދަ ވެރިކަމެއް ކަމަށް މިރޭ ޕީޕީއެމް އާއި އަލުން ގުޅިވަޑައިގެންނެވި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު މަލީހު ވިދާޅުވީ ޔާމީނަކީ އެއްވެސް ގޮތަކަށް ވަރުބަލިފުޅުވާ ބޭފުޅެއް ނޫން ކަމަށާއި އެގޮތުން ހަފްތާގެ ފަސް ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ހަފްތާ ބަންދުގައި ޕޮލިޓިކަލް ނެޓްވޯކިން އާއި ކުރިއަށް އޮތް ހަފްތާ އަށް ކަންކަން ރޭވުމާއި ސިޔާސީ ކަންކަމުގައި އެކި ފަރާތްތަކަށް އިރުޝާދު ދެއްވަމުން ގެންދެވި ކަމަށެވެ.

"މިފަދަ ވަރުގަދަ ވެރިކަމެއް ކުރެއްވި ބޭފުޅެއް، ރައީސް ޔާމީނަކީ" ޔާމީންގެ ސަރުކާރުން ވަކިކުރެއްވި ކުރީގެ ޔޫތް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ކުޑަވަގުތުކޮޅަކަށް ޕީޕީއެމާ އެއްފަރާތަށް ޖެހެން މަޖުބޫރުވީ އެމްޑީޕީގެ ތެރެއިން ފޮނުވި ފަނިތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަދު އެ ހުރިހާ ފަނިތަކެއް އެނބުރި އެމްޑީޕީގެ ތެރެއަށް ގޮސްފައިވާތީ އުފާކުރާ ކަމަށާއި އެ ފަނިތަކުުގެ ސަބަބުން އެމްޑީޕީ ހަލާކުވަމުންދާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

އަދި އެމްޑީޕީ އަށް ވެރިކަން ކުރަން ނޭނގޭކަން ސާބިތުވެފައިވާ ކަމަށާއި އެގޮތުން ނަމެއްގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިގެން ތިބުމުގެ ބޭނުމެއް ނެތް ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި 2023 ގައި ރައްޔިތުން އެމްޑީޕީ އަށް ފުރުސަތެއް ނުދޭނެ ކަމަށާއި ގައުމު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު އަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، އޭނާ އެ ޕާޓީން ވަކިވީ މިނިސްޓަރު ކަމުން ވަކިކުރެއްވި ހިސާބުންނެވެ. އޭގެފަހުން މަލީހު ދެން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފައެވެ.