ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމުން 100،000 މެމްބަރުން ހަމަކުރަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމުން ބޭއްވި ރަސްމިއްޔާތެއްގައި އަދުރޭ ވިދާޅުވީ ސިޔާސީ ފިކުރު އެއްކައިރީގައި ބޭއްވުމަށްފަހު ރައްޔިތުން މިއަދު ނިކުންނަންވީ ގައުމީ މަސައްކަތަށް ކަމަށާއި އެގޮތުން ގައުމީ މަސައްކަތް ކުރަން އޮތް އެންމެ ރަނގަޅު ޕްލެޓްފޯމެއް އޮތީ ޕީޕީއެމް/ޕީއެންސީގައި ކަމަށެވެ.
އަދި އަތޮޅުތަކުގައި ތިބި މެމްބަރުން އެންމެ އިސްކަމެއް ދޭންވީ ޕީޕީއެމް އަށް މެމްބަރުން އިތުރުކޮށްދިނުމުގެ މަސައްކަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ދެން އަންނަ ރިޔާސީ އިންތިހާބަކާ ހަމައަށް ދާއިރު 100،000 އަށް ވުރެ ގިނަ މެމްބަރުން އެބަޖެހޭ ޕީޕީއެމްގައި ތިބެން. އޭރުން އަޅުގަނޑުމެންނާ ވާދަކުރަން އިތުރު ޕާޓީތައް ބިރުގަންނާނެ" އަދުރޭ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 37093 މެމްބަރުންނެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ ޕާޓީތައް ހަދަން ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ކޮންމެ ގައުމެއްގައި ވެސް އޮންނާނީ ދެ ފިކުރު ކަމަށްވާއިރު ކުދިކުދި ޕާޓީތަކަށް މާބޮޑު ކަމެއް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި އޮތީ ފަނާކުރަނިވި ފިކުރަކާއި ޔާމީންގެ ބިނާކުރަނިވި ފިކުރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެގޮތުން އެ ފިކުރުގައި 50 އަހަރުތެރޭ ނުގެނެވޭ ވަރުގެ ތަރައްގީ ފަސް އަހަރުތެރޭ ޔާމީން ގެނެސްދެއްވި ކަމަށާއި ޔާމީން ޖަލަށްލައިގެން އުޅެނީ އެ ސަބަބާއި ހުރެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.