Last Updated: July 10, 09:47
Thursday, July 10, 2025
ޚަބަރު

މަލީހް، ވައްޑެ އަދި ރުކުމާ ގުޅުމަކީ އިދިކޮޅަށް ލިބުނު އީދު ހަދިޔާއެއް

ކުރީގެ ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރަކު ޕީޕީއެމް އާއި ގުޅުމަކީ އިދިކޮޅު ކޯލިޝަނުގެ މެމްބަރުންނަށް ލިބުނު އީދު ހަދިޔާއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުރުން ދެން ރޭ ޕީޕީއެމް އާއި ގުޅިވަޑައިގެންނެވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) އެވެ.

އެ ތިން ބޭފުޅުން ޕީޕީއެމްއާ ގުޅިވަޑައިގަތުމުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވެގެންދިޔައީ އެންމެ ފުރަތަމަ އީދު ހަދިޔާ ލިބުނު ބަޔަކަށް ކަމަށެވެ. އަދި އެ ތިން ބޭފުޅުން ޕީޕީއެމްއާ ގުޅުމަކީ ސަރުކާރު ޒިންމާދާރު ކުރުވާ، ޖަވާބުދާރީ ކުރުވަން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަން ވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވީ 2019 ވަނަ އަހަރުއެވެ. އަދި ރުކުމާ ވަނީ އެ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާފައެވެ. ނަމަވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރުކުމާ ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުކޮށްދިނުމަށް ވެސް މަސައްކަތް ކޮށްދީފައެވެ.

ލޯޔަރު ވައްޑެ އަކީ މީގެކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، 2017 ވަނަ އަހަރު އެ ޕާޓީން ވަނީ އޭނާ ވަކިކޮށްފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން އޭނާ އެ ޕާޓީން ވަކިނުވާ ކަމަށް ހުކުމްކޮށްފައިވެއެވެ. ވައްޑެ އެންމެފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.

އަދި މަލީހު އަކީ ކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރެއްވި ފަރާތެއް ކަމަށްވާއިރު، އޭނާ އެ ޕާޓީން ވަކިވީ މިނިސްޓަރު ކަމުން ވަކިކުރެއްވި ހިސާބުންނެވެ. އޭގެފަހުން މަލީހު ދެން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފައެވެ.