ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް އެމްޑީޕީގެ މެމްބަރުން މާބޮޑަށް އަޅާ ނުލާ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ދީދީ ވިދާޅުވީ ނަޝީދު ކޮންމެ ވާހަކަތަކެއް ދެއްކި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު ބޮޑުވެގެންދާ މަންޒަރު ފެންނަ ކަމަށާއި އެގޮތުން ގާނޫނު އަސާސީ އާއި އަދި ޕާޓީގެ އަސާސީގެ ގަވާއިދުގެ ރޫހާ ހިލާފަށް ނަޝީދު ދައްކަވާ ވާހަކަތަކަށް ރައީސް ސޯލިހު މާބޮޑު އިސްކަމެއް ނުދެއްވާ ކަމަށެވެ.
"އަދި ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މެމްބަރުންނެއް އެކަމަކަށް މާބޮޑަކަށް އަޅައެއް ނުލާ. އާންމު ރައްޔިތުންގެ ތެރޭގައި ވެސް ހަގީގަތުގައި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް މާބޮޑު ތަރުހީބެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވޭ" ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވި ގޮތުގައި ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ޕާޓީއަށާއި އަދި ނަޝީދަށް އޮތް އިތުބާރު ގެއްލިގެންދާ މަންޒަރު ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން އެކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
"ނަޝީދުގެ އިތުބާރު ބޮޑުތަނުން ކުޑަވެފައި އޮތް ކަމާއި، ރައީސް ނަޝީދު އެ ކުޅުއްވާހާ ޑްރާމާތަކާއި، ސަރުކާރާ ދޭތެރޭ ވެސް އެ ގެންގުޅުއްވާ ސިޔާސަތުތަކާއި، ސަރުކާރަށް ޖެއްސުން ކުރެއްވުމާއި އަދި އަމިއްލަ އިންޓްރެސްޓުގައި ބޭނުންފުޅުވާ މަގާމެއްގެ ޝައުގުވެރިކަމުގައި އެ ދައްކަވާ ވާހަކަތަކުގެ ސަބަބުން އެ ލިބޭ ގެއްލުން އިންތިހާ އަށް ބޮޑު" ދީދީ ވިދާޅުވިއެވެ.
ދީދީ މިހެން ވިދާޅުވިއިރު "ނަފުރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ފަސްޖެހޭނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.