Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ރައީސް ސޯލިހް ކަންކުރައްވަނީ ސޯލިހް ބޭފުޅުން ކަންކުރައްވާ ގޮތަކަށް ނޫން: ލޯޔަރު ވައްޑެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންކުރައްވަނީ ސޯލިހް ބޭފުޅުން ކަންކުރައްވާ ގޮތަށް ނޫންކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި ގުޅިގެންވަޑައިގެން ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ބޭނުންހާ ޤާނޫނެއް ފާސްކުރުމަށް އަދި ބޭނުންހާ ވާހަކައެއް ދެއްކުމަށް ހުއްދ ލިބޭ ލައިސެންސެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނީވެސް އަދި މަޖިލީހުގައި ވާހަކަ ދައްކަންޖެހޭނީވެސް އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުނުވާގޮތުގެ މަތިންކަމަށް ވައްޑެ ވިދާޅުވިއެވެ.

ޤާނޫނުލްއުޤޫބާތަށް މިހާރު ހުށަހަޅާފައިވާ "ނަފްރަތުގެ އަމަލުގެ ކުށުގެ" އިސްލާހަކީ އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު އިސްލާހެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އިސް ފަރާތްތައް ސަރުކާރުގެ އިސްމަގާމު ތަކުގައި ތިބިކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ، އެ މަގާމުތަކަށް އެމީހުންލީ ރައީސް ސޯލިހް ކަމަށާއި، ނަމުން ސޯލިހް ނަމަވެސް ކަންކުރައްވަނީ ސޯލިހް ބޭފުޅުން ކަންކުރައްވާ ގޮތަށް ނޫންކަމަށެވެ.

"ކަނޑައެޅިގެން އިސްލާމްދީނަށް ފުރައްސާރަކުރާ ބަޔަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އެހެންތަންތަނުގައި އެކިކަންކަން ކުރަން ރުކުރުވާލާފައި ތިބުމަކީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެކަމެއް ނޫން." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އެމްޑީއެން ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައި އޮތްއިރު އެކަމަށް އެޅުނު ފިޔަވަޅެއް ނެތްކަމަށެވެ.

މިއަދު އޮތީ ދީނާއި ގައުމު ހިމާޔަތްކުރުމަށް އިންތިހާއަށް މަސައްކަތް ކުރަންޖެހިފައިވާކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނަންޖެހޭކަމަށެވެ.