Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޕާކިސްތާނުން ވައިގެމަގުން ތާލިބާނުންނަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް ތުހުމަތުކޮށްފި

ޕާކިސްތާނުން ވައިގެ މަގުން ތާލިބާނުންނަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް އަފްޣާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ސާލިހް ތުހުމަތު ކުރައްވައިފިއެވެ.

އަފްޣާނިސްތާނުގެ ނައިބު ރައިސް ތުހުމަތު ކުރެއްވި ގޮތުގައި ޕާކިސްތާނުގެ އަސްކަރީ ވައިގެ އުޅަނދުތަކުންވަނީ، އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ތާލިބާނުންނަށް ހަމަލާދީފިނަމަ އަފްޣާނިސްތާނުގެ އަސްކަރީ އުޅަނދުތަކަށް ހަމަލާދޭނެކަމުގެ އިންޒާރުދީފައެވެ.

އަމްރުﷲ ސާލިހް ތުހުމަތު ކުރައްވާފައިވާގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން މި އިންޒާރު ދީފައިވަނީ ތާލިބާނުން ކޮންޓްރޯލް ކުރަމުން އަންނަ އަފްޣާނިސްތާނާއި، ޕާކިސްތާނާއި ގުޅޭ ބޯޑަރު ހިމެނޭ ހިސާބުގައި އޮންނަ އަފްޣާނިސްތާނުގެ ހިސާބަކަށް ހަމަލާދީފިނަމަ އެކަމުގެ ރައްދެއްގެ ގޮތުގައެވެ.

އަދި އިންޒާރުތަކުގެ ސަބަބުން އެ ސަރަހައްދުން އަފްޣާނިސްތާނުގެ އަސްކަރީ އުޅަނދުތަކަށް ދާންޖެހުނު ކަމަށާއި، އަދި އެ ސަރަހައްދުގައި ޕާކިސްތާނުން ތާލިބާނުންނަށް ވައިގެ އެހީފޯރުކޮށްދެމުން އަންނަކަމަށް ބުނެފައިވެއެވެ

އަފްޣާނިސްތާނުގެ މިތުހުމަތުތައް ޕާކިސްތާނުން ދޮގުކޮށްފައިވާއިރު، ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ފިޔަވަޅުތަކެއް އަޅަންޖެހުނީ އެގައުމުގެ އަސްކަރިއްޔާއާއި ރައްޔިތުންނާއި ޕާކިސްތާނުގެ ސަރަހައްދު ދިފާއު ކުރުމަށް ކަމަށެވެ.