Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ބަރަހަނާ ފިލްމު ހެދިކަމުގެ ތުހުމަތުގައި ޝިލްޕާގެ ފިރިމީހާ ހައްޔަރުކޮށްފި

މުމްބާއީގެ ފުލުހުން، ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްފާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރު ކޮށްފިއެވެ.

ރާޖް ހައްޔަރު ކޮށްފައިވަނީ ބަރަހަނާ ފިލްމު އުފައްދާ އޮންލައިންކޮށް އެފަދަ ފިލްމްތައް ބްރޯޑްކާސްޓް ކުރުމުގެ ތުހުމަތުގައެވެ. މީގެ 6 އަހަރު ކުރިން ރާޖްވަނީ ކްރިކެޓް މެޗްފިކްސިންގ މައްސަލައެއްގައި ވެސް ބަންދު ކޮށްފައެވެ.

45 އަހަރުގެ ރާޖް ހައްޔަރު ކޮށްފައިވާ ކަން ހޯމަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ. ފޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ އަތުގައި ރާޖްއާއި ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.

އިންޑިއާގައި ބަރަހަނާ ފިލްމާއި އެފަދަ މަންޒަރުތައް ދައްކުވައިދޭ ފިލްމު ދެއްކުން އެއީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެން ނަމަވެސް އެކަނި ތިބެގެން އެފަދަ ފިލްމު ބެލުން އެ ގައުމުގައި ހުއްދަ ކުރެއެވެ.

2015 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ވަނީ ސެންސަރު ބޯޑެއް ގާއިމްކޮށް ފިލްމްތަކުގައި ހުންނަ ބަރަހަނާ މަންޒަރުތައް ސެންސަރު ކުރުމަށް އަންގާފައެވެ. އާންމުކޮށް ސިނަމާތަކުގައި އަޅުވާ ފިލްމުތަކުގައި އެފަދަ މަންޒަރު ސީދާކޮށް ފެންނަ ގޮތް ނުހުންނަކަން ފާހަގަ ކުރެވެއެވެ.

ޝިލްޕާ އަދި ރާޖް ކައިވެނި ކޮށްފައިވަނީ 22 ނޮވެމްބަރު 2009ގައެވެ. މި ދެމީހުންގެ ދެ ކުދިން އެބަތިއްބެވެ. 2012 ވަނަ އަހަރު ފުރަތަމަ ދަރިފުޅު ވިހާން އުފަންވިއެވެ. އަދި 2020 ވަނަ އަހަރު ސަރޮގެސީ މެދުވެރިކޮށް އެމީހުން ވަނީ އަންހެން ކުއްޖަކު ހޯދާފައެވެ.