Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޖަޕާނުގެ އޮލިމްޕިކްސް ކޭމްޕުން ފިލައިގެން ދިޔަ އެތްލީޓް ހޯދައިފި

ޖަޕާނުގެ އޮލިމްޕިކްސް ޓްރެއިންނިންގ ކޭމްޕުން ފިލައިގެން ދިޔަ ޔުގެންޑާގެ އެތްލީޓަކު ސެންޓްރަލް ޖަޕާން ސަރަހައްދުގައި އުޅެނިކޮށް ހޯދައިފިއެވެ.

ޖޫލިޔަސް ސެކިޓޯލެކޯ ނަމަކަށް ކިޔާ މި އެތްލީޓު ހޯދާފައިވަނީ އޭނާ ފިލައިގެން ދިޔަތާ 4 ދުވަސް ފަހުންނެވެ. ވެއިޓް ލިފްޓިންގ އިވެންޓަށް ތައްޔާރުވަމުންދިޔަ އެތްލީޓު ދިޔައީ، ދަނީ މަސައްކަތެއް ހޯދަން ކަމަށް ލިޔެ ނޯޓެއް ބާއްވާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަޕާނަށް އޮލިމްޕިކްސްއަށް އެހެން ގައުމުތަކުން މީހުން އެތެރެވަމުންދާ ވަގުތެއްގައި ކޮވިޑްގެ ބިރު ހީވެފައި އޮއްވާ މިގޮތަށް އެތްލީޓަކު ފިލައިގެން ދިޔުން ވެގެން ދިޔައީ އާންމުންގެ ގިނަބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނު ކަމަކަށެވެ.

ފުލުހުން އޭނާ ހޯދާފައިވާ އިރު އަދި އޭނާ ފޮނުވާނެ ދިމާލެއް ނޭނގޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްބަސީއަށް ކަމެއް ނުވަތަ އަނބުރާ އޮލިމްޕިކްސް ކޭމްޕަށް ކަމެއް އަދި ނިމިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ޖޫލިޔަސް އޮންނަ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ގަޑިއަށް ކޮވިޑް ޓެސްޓަށް ނުދިޔުމުން އޭނާގެ ކޮޓަރި ޗެކްކުރި އިރު ލިޔެފައިވާ ނޯޓެއް ފެނިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޭނާ ދަނީ މަސައްކަތެއް ހޯދަން ކަމަށާއި އޭނާގެ ސާމާނު އޭނާގެ އާއިލާއަށް ފޮނުވައިދިނުމަށް އެ ނޯޓުގައި އެދިފައިވާ ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ޖޫލިޔަސް ފެނިފައިވަނީ އޭނާ ދަންނަ ބަޔަކު އުޅޭ ގެއަކުން ކަމަށާއި އޭނާ ވަރަށް ސީދަލަށް އޭނާ ފިލި ސަބަބު ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެހެން ނަމަވެސް ފުލުހުންނަށް އޭނާ ފިލި ސަބަބާއިމެދު ޝައްކު އުފެދޭތީ އަދިވެސް ދަނީ ސުވާލު ކުރަމުންނެވެ.