Last Updated: March 29, 13:37
Friday, March 29, 2024
ދުނިޔެ

ކޮވިޑް-19: އިންޑިއާގައި އަނެއްކާވެސް ކޭސްތައް އިތުރުވަނީ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 38،164 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ކޮވިޑް ޖެހިގެން 499 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3.11 ކްރޯޑަށް އަރާފައެވެ. އަދި މި ބަލީގައި ޖުމްލަ 4.14 ލައްކަ މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ޖުމްލަ 40.64 ކްރޯޑް ވެކްސިން ޑޯޒް ވަނީ މީހުންނަށް ދެވިފައެވެ. އިންޑިއާގެ ބައެއް ހިސާބުތަކުން ކޭސްތައް ފެނުން މަދުވެފައިވީ ނަމަވެސް ބައެއް ސިޓީތަކުން ދަނީ ގިނަ ބަޔަކު ޕޮޒިޓިވް ވަމުންނެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ ކޮވިޑްގެ ނުރައްކާ ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ފެނިފައެވެ. އެ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަމުން ގިނަ ބަޔަކު ދަނީ ޕޮޒިޓިވް ވަމުންނެވެ. އެންމެ އެކަށީގެންވާ ގޮތަށް ބޭސްފަރުވާ ނުކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ދަނީ މި ބަލީގައި ދުނިޔެ ދޫކުރަމުންނެވެ.

އަދިވެސް އިންޑިއާގެ ގިނަ ސިޓީތަކެއްވަނީ ލޮކްޑައުން ކޮށްފައެވެ. ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކޮށްފައި ވުމުގެ ސަބަބުން ބޮލީވުޑްގެ އެތައް ފިލްމެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްނުދެވިފައެވެ.

ވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ވާހަކައާއި މަސައްކަތެއް ނުކުރެވި ތިބުމުގެ ސަބަބުން ނިކަމެތި އެތައް އާއިލާއެއްް ބަނޑަށް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.