Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ހަރުކަށި ފިކުރު ނައްތާލުމަށް އިދާރާތައް ރިފޯމް ކުރަންޖެހޭ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރު ނައްތާލުމަށް ދައުލަތުގެ އެކި އިދާރާތައް ރިފޯމް ކުރަންޖެހޭކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ވިއޯން ނިއުސް"އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްތަކެއް ކުރުމުގެ ވާހަކަ އަބަދުވެސް ދެކެވޭކަމަށާއި، އަދި ބައެއް ޤާނޫނުތަކުގެ ތެރެއިންވެސް އެކަންކަން ކުރެވޭކަމަށެވެ.

އެހެންނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ފަށާއިރު އިދާރާތަކުގެ ތެރޭގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބިނަމަ، އެގޮތަށް ފަށާ މަަސައްކަތްތައްވެސް ކާމިޔާބު ނުވާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފުރަތަމަ އިދާރާތައް ރިފޯމް ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތެއް ނުކުރެވޭނެ، ހަރުކަށި ފިކުރުގެ މީހުން ހޯމް މިނިސްޓްރީ، ފުލުހުންގެ އިދާރާ، ސިފައިން، ކަސްޓަމްސް، އެޑިއުކޭޝަން މިނިސްޓްރީގަ ތިބިހާ ހިނދަކު. ފުރަތަމަ ރިފޯމް ކުރަންވީ މި އިދާރާތައް، އަދި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް ނެތްކަން ޔަގީން ކުރަންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަރުކަށި ފިކުރާދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ އިދާރާ އަދި ސިފައިން ތަމްރީންކޮށް ވަސީލަތްތައް އިތުރުކުރުމުގައި އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ. އަދި މިހާރުވެސް އެފަދަ ގިނަކަންކަން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2008 ގެ އާ ޤާނޫނުއަސާސީއަށް ފަހު ބޭއްވި ކޮންމެ އިންތިހާބެއް ކާމިޔާބު ކުރެވިފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއި އެކުކަމަށެވެ. އެހެންނަމަވެސް އެމީހުންނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވަނީ އެފަދަ ފިކުރުތައް ގެންގުޅޭ ޕާޓީތަކަށް އެއްވެސް އިންތިހާބެއްގައި ކުރި ނުހޯދި އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އަދި މަޖިލިސް އިންތިހާބުގައިވެސް ގޮނޑިއެއް ލިބިފައިނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ހަރުކަށި ވިސްނުންތަކާ ދުރު ޕާޓީތަކުން އެއްގަލަކަށް އަރާ މަސައްކަތްކޮށް އެ ފިކުރާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.