Last Updated: July 29, 12:14
Thursday, July 29, 2021
ދުނިޔެ

ވިއްސާރައިގެ ސަބަބުން ޗައިނާގެ ސަބްވޭތަކުގައި ތާށިވި މީހުން މަރުވަނީ

އާދަޔާއި ޚިލާފަށް ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗައިނާގެ ބިމުއަޑީގައި ހަދާފައިވާ ރޭލުވޭ ތަކުގައިގައި ފެންބޮޑުވެ ރޭލުގައި ތާށިވެފައިތިބި މީހުން މަރުވާން ފަށައިފިއެވެ.

މިހާތަނަށް ސަބްވޭތަކުން 12 މީހަކު މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެހެން ނަމަވެސް އިންތިހާއަށް ފެންބޮޑުވެފައި ވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

މި ވިއްސާރައިގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ސަބްވޭގެ ރޭލެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއަކުން ފެންނަނީ އޭގައި ތިބި މީހުންގެ ކަނދުރާއާއި ހަމަޔަށް ފެން އޮއްވައެވެ. އަދި ބައެއް ވީޑިއޯޢަި ފޮޓޯތަކުން ރޭލުގެ ބޭރުން ފެންބޮޑުވަމުންދާ މަންޒަރު ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ.

މި ފަދަ ވިއްސާރައަކާއި ޗައިނާ ކުރިމަތިލާފައި މިވަނީ 60 އަހަރު ފަހުން ކަމަށް މޫސުމާއިބެހޭ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ. ޗައިނާއަށް 617.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވެއެވެ.

ސަލާމަތް ކުރެވޭ މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އެކި ކަހަލަ ތަކެތި ގޮވާ އެތައް އަނިޔާތަކެއް ދަނީ މީހުންނަށް ވަމުންނެވެ. ޗައިނާގެ ސަރުކާރުން ވަނީ އެތައް ސަތޭކަ ސިފައިންނާއި ފަޔަރ ފައިޓަރުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ނެރެފައެވެ.