Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އަޑީ ދައުލަތެއް ނެތް ކަމަށް އިމްރާން ވިދާޅުވުމުން ވައްޑެ ހިތްހަމަނުޖެހިއްޖެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

ރާއްޖޭގައި އަޑީ ދައުލަތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން "އަދަދު" ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި އަޑީ ދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ރާއްޖެއަކީ ކުރިއަރަމުން އަންނަ، ތަރައްގީއާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމުވެފައި އޮތް ގައުމެއް ކަމަށާއި، ރާއްޖެ އަފްގާނިސްތާނުގައި އޮތް ޙާލަތަށް ދަތުރުކުރަމުން ވެސް ނުދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވަނީ ބޮން ގޮއްވާލައިގެން ރައީސް މުހައްމަދު ނަޝީދަށް ފަރުވާ ދެމުން ގެންދަނިކޮށް "މާބޮޑު މައްސަލައެއް ނެތޭ" ވެސް އިމްރާން ވިދާޅުވި ނޫންތޯ ސުވާލުކުރައްވާފައެވެ.

"ކޮން އެއްޗެއް ފޮރުވަންތޯ ތިޔަހާ ވަރަކަށް ތިޔަ އިތުރުފުޅު ހައްދަވަނީ؟" ވައްޑެ ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވިއިރު ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ރާއްޖޭގައި އަނދިރި ދައުލަތެއް ހިންގަމުންދާކަމަށް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ އަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ ވިދާޅުވެފައެވެ.

އަދި މިހާލަތުން އަރައި ނުގަނެވިއްޖެނަމަ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ހިނގައިދާނެކަމުގެ އިންޒާރު ވެސް ޒަކަރިއްޔާ ވަނީ ދެއްވާފައެވެ.

"މިހާލަތުން އަރައި ނުގަނެވިއްޖެނަމަ އަޅުގަނޑުމެންގެ މިޤައުމު އަފްޣާނިސްތާނު އޮތް ހާލަތަށް ދާނެ" ޒަކަރިއްޔާ ވިދާޅުވެފައިވެއެވެ.