Last Updated: July 3, 22:50
Friday, July 4, 2025
ޚަބަރު

ވެކްސިން ފުރިހަމަނަމަ ބޭރުން އަންނަ ދިވެހިން ކަރަންޓީނުވާން ނުޖެހޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: ގޫގުލް

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާނަމަ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ދިވެހިންނާއި ވަރކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާ ގުޅޭ އުސޫލެއް އާންމުކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ޑަބްލިއުއެޗްއޯ އިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި އެ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި އެ ހާލަތްތަކަށް ނުފެތޭ ފަރާތްތައް ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށާއި އެ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މި އުސޫލުގައި ވަނީ ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެ ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަމަށްވެސް ބުނެފައިވެއެވެ.