ޓެރަރިޒަމް ފަތުރާ މީހުން ސަރުކާރުގައި އެބަތިބި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ގައުމަށް ވަމުންދާ ގޮތް ގާތުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިދިކޮޅު ފަރާތްތަކަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ނުރައްކާ ރާއްޖެ އަށް ބޮޑުވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ އިސްވެ އޮތް ސަރުކާރުން ކަމަށެވެ.
"ޓެރަރިޒަމާއި ހައްދުފަހަނައެޅުން ފަތުރާ މީހުން ތިބީ ސަރުކާރުގައި. ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރައްވާ" އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ "ވިއޯން ނިއުސް"އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްތަކެއް ކުރުމުގެ ވާހަކަ އަބަދުވެސް ދެކެވޭކަމަށާއި، އަދި ބައެއް ޤާނޫނުތަކުގެ ތެރެއިންވެސް އެކަންކަން ކުރެވޭކަމަށެވެ.
އެހެންނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ފަށާއިރު އިދާރާތަކުގެ ތެރޭގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބިނަމަ، އެގޮތަށް ފަށާ މަަސައްކަތްތައްވެސް ކާމިޔާބު ނުވާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފުރަތަމަ އިދާރާތައް ރިފޯމް ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތެއް ނުކުރެވޭނެ، ހަރުކަށި ފިކުރުގެ މީހުން ހޯމް މިނިސްޓްރީ، ފުލުހުންގެ އިދާރާ، ސިފައިން، ކަސްޓަމްސް، އެޑިއުކޭޝަން މިނިސްޓްރީގަ ތިބިހާ ހިނދަކު. ފުރަތަމަ ރިފޯމް ކުރަންވީ މި އިދާރާތައް، އަދި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް ނެތްކަން ޔަގީން ކުރަންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަރުކަށި ފިކުރާދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ އިދާރާ އަދި ސިފައިން ތަމްރީންކޮށް ވަސީލަތްތައް އިތުރުކުރުމުގައި އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ. އަދި މިހާރުވެސް އެފަދަ ގިނަކަންކަން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.