Last Updated: April 20, 17:52
Saturday, April 20, 2024
ދުނިޔެ

އިންޑިއާގައި "ބްލެކް ފަންގަސް" ޖެހިގެން 4000 މީހުން މަރުވެއްޖެ

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ފެތުރެމުންދާ "ބްލެކް ފަންގަސް" ޖެހިގެން 4300 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ނުރައްކާތެރި ބައްޔެއް ކަމަށްވާ ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ޖެހިގެން މިހާތަނަށް 45،374 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އިންޑިއާގެ ހެލްތެ މިނިސްޓަރު މަންސުކް މަންދަވިޔާ ވަނީ ވިދާޅުވެފައެވެ.

މި ބައްޔަކީ ކޮވިޑުން ފަސޭހަވާތާ 12 ދުވަހާއި 18 ދުވަހާއި ދެމެދުގެ މުއްދަތުގައި ޖެހޭ ބައްޔެކެވެ. މިބަލިން ނޭފަތާއި ލޯ އަދި ސިކުނޑިއަށް ވެސް ނޭދެވޭ އަސަރުކޮށް ހަލާކުކޮށްލައެވެ. މި ބަލި ޖެހުނު ގިނަ މީހުންނަށް މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މި ބަލި ޖެހެނީ ކޮވިޑުން ސަލާމަތްވުމަށް ބޭނުން ކުރެވޭ ސްޓީރޮއިޑްގެ ސަބަބުން ކަމަށް ބެލެވެއެވެ. އަދި ހަކުރު ބަލީގެ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. ސްޓީރޮއިޑްގެ ސަބަބުން ކޮވިޑްގެ ސަބަބުން ފުއްޕާމޭގައި އުފެދޭ ދުޅަ ކުޑަކޮށްދެއެވެ. އެހެން ނަމަވެސް މި ސްޓީރޮއިޑް އިންސާނާގެ ދިފާއީ ނިޒާމް ހަލާކު ކޮށްލާ ކަމަށާއި އަދި ހަކުރު ބަލީގެ މީހުންގެ ހަކުރު ލެވެލް މަތިކޮށް ހަކުރު ނުހުންނަ މީހުންވެސް ހަކުރު ބައްޔަށް މަގުފަހި ކުރުވާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ބްލެކް ފަންގަސްއަށް ބޭނުން ކުރެވޭ ހަމައެކަނި ބޭހަކީ އެންޓި ފަންގަލް އިންޖެކްޝަން ކަމަށް ޑޮކްޓަރުން ހާމަކުރެއެވެ.

އިންޑިއާގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ މަހާރާޝްތްރާ އަދި ގުޖްރާތެވެ. މި ސެ ސްޓޭޓުން ވަނީ 1785 މީހުން މިބަލީގައި މަރުވެފައެވެ. މިބަލި ޖެހޭ މީހުންގެ ސީދާ އަދަދު ނޭނގޭނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ ބައެއް ކުދި ހޮސްޕިޓަލްތަކަށް މި ބައްޔަށް ފަރުވާ ހޯދުމަށް ދާ ގިނަ މީހުންނަށް ފަރުވާ ނުދެވި އެމީހުންގެ މައުލޫމާތު ނޯޓް ނުކުރެވި ވަރަށް ގިނައިން ފޮނުވަންޖެހޭ ހާލަތު އާދެއެވެ. އެގޮތުން ފަރުވާ ނުލިބި ގޭގައި ތިބެގެން މަރުވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.