Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު

2032 އޮލިމްޕިކްސް އޮސްޓްރޭލިއާގެ ބްރިސްބަންގައި

2032ގެ އޮލިމްޕިކްސް އޮސްޓްރޭލިއާގެ ބްރިސްބަންގައި ބާއްވަން އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ(އައިއޯސީ) އިން ނިންމައިފިއެވެ.

2032ގެ އޮލިމްޕިކްސް ބޭއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލާ ބިޑް ކާމިޔާބު ކޮށްފައިވަނީ ބްރިސްބަންއިންނެވެ. މިއީ 1956 ގައި މެލްބޯން އަދި 2000 ވަނަ އަހަރު ސިޑްނީގައި އޮލިމްޕިކްސް ބޭއްވުމަށްފަހު އޮސްޓްރޭލިއާގައި މި މުބާރާތް ބާއްވާ 3 ވަނަ ފަހަރު ކަމަށް ވާނެއެވެ.

ބްރިސްބަން އަކީ އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ކުއީންސްލެންޑުގެ ވެރިރަށެވެ. ބްރިސްބަންގައި އޮލިމްޕިކްސް ބާއްވަން އައިއޯސީން ނިންމީ ބުދަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ބޭއްވި އައިއޯސީގެ މެންބަރު ގައުމުތަކުގެ ބައްދަލުވުމުގައި ނެގި ވޯޓަށްފަހުއެވެ. 2032 ވަނަ އަހަރުގެ އޮލިމްޕިކްސް ބްރިސްބަންގައި ބާއްވަން ފާސްކުރިއިރު، އެ އަހަރުގެ އޮލިމްޕިކްސް ބާއްވަން ބިޑް ކުރި ހަމައެކަނި ސިޓީއަކީވެސް ބްރިސްބަންއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ބުނެފައިވާ ގޮތުގައި މިއީ ބްރިސްބަން އަދި ކްއީންސްލޭންޑަށާއި މުޅި ގައުމަށް ވެސް ތާރީޚީ ދުވަހަކަށް ވެގެން ދާނެކަމަށެވެ.

ޓޯކިއޯގައި ބޭއްވުނު އައިއޯސީ ސެޝަންގައި މިކަން އިއުލާން ކުރެވިގެން ދިޔައީ ބްރިސްބަންގެ ވަފުދާއި އެކުގައެވެ. އެ ވަގުތު ބަޑިބޭހުގެ ކުޅިވަރުތަކާއި އެކު އޮސްޓްރޭލިއާގައި މީހުން ތިބީ މިކަން ފާހަގަ ކުރަން އިންތިޒާރުގައެވެ. އަދި އިއުލާން ކުރެވުމާއިއެކު އެގައުމުން ވަނީ އުފާފާޅުކޮށްފައެވެ.

ކްއީންސްލޭންޑުން ވަނީ 2018 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ކާމިޔާބު ކޮށްފައެވެ. އަދި މި ފަހަރު ބްރިސްބަންއިން ހުށަހެޅި ބިޑަށް ވަނީ ތައުރީފް ލިބިފައެވެ. މުބާރާތުގެ ކަންތައް ކުރިޔަށް ގެންދާނެ ތަނާއި، ހުރި ވަސީލަތްތައް ބެގެން ދިޔައީ އޮލިމްޕިކްސް ކޮމިޓީގެ މެމްބަރުންނަށް ވަރަށް ކަމުދިޔަ ކަންތަކަކަށެވެ.

ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި 84 އިންސައްތަ ހިމަނާފައިވަނީ މިހާރުވެސް ބޭނުންކުރަމުންދާ ގައްބާ ކްރިކެޓް ސްޓޭޑިއަމްގެ މައްޗަށެވެ. އެތަނަކީ އޮލިމްޕިކްސްއަށް މަރާމާތު ކުރެވިގެންދާނެ ތަނެކެވެ.

2019 ވަނަ އަހަރު އައިއޯސީއިން ވަނީ ބިޑް ކުރުމުގެ ގަވާއިދުތަކަށް ބަދަލު ގެނެސް ފަސޭހައިން ސިޓީތަކަށް މި ބިޑްގައި ބައިވެރިވެވޭނެ ގޮތް ހަދާފައެވެ. އެ ގޮތުން 2032 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް އިންޑޮނޭޝިއާ، ޗައިނާ، ޤަތަރުގެ ދޯހާ، ހަންގޭރީގެ ބުޑަޕެސްޓް އަދި ޖަރުމަނުގެ ރުހްރް ރީޖަންއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

2024 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައިވަނީ ލޮސްއެންޖަލިސްގައެވެ. އަދި 2028ގެ އޮލިމްޕިކްސް ބާއްވަނީ އެމެރިކާގައެވެ.