އައްޑޫ ސީޓީ ހުޅުމީދޫ އާއި އެ ސިޓީގެ އެހެން އަވަށްތައް ގުޅުވާލާ ބްރިޖު އަޅަން މިވަގުތު ހާލަތު ތަން ނުދޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރޭ ކްލަބްހައުސްގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ އެ ބްރިޖު އެޅުމަކީ އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ކެމްޕެއިން ތެރޭގައި ފާހަގަކުރެއްވި މުހިއްމު ކަމެއް ކަމަށާއި ފަސޭހަކަމާއެކު އެއް ތަނުން އަނެއް ތަނަށް ދެވޭނެ ގޮތެއް އޮތުމަކީ އިގްތިސާދީ ހަރަކާތް ހިންގަން ވެސް ލިބޭ ފަސޭހައެއް ކަމަށެވެ.
"އެކަމަކު މިހާރު މިއޮތް ހާލަތުން މި ސަރުކާރަށް ހުޅުމީދޫ ބްރިޖު އެޅޭނެ ކަމަށް ގަބޫލުކުރަން ތަންކޮޅެއް އުނދަގޫ. އެއަށް ވުރެ މުހިއްމު ކަމާއެކު އައްޑޫ ސިޓީގައި ވެސް ކޮންމެހެން ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި އަދި ނުވެ" ނާޒިލް ވިދާޅުވިއެވެ.
އަދި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދެ އަހަރަށް ވުރެ ގިނަ ދުވަސް މިދިޔައީ ދައުލަތަށް އާމްދަނީއެއް ނުލިބި ކަމަށާއި އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއެކު ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދެއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ އާމްދަނީގެ ހާލަތު މިހާރު އޮތީ 2014 ވަނަ އަހަރާއި ހަމައަށް ފަހަތަށް ގޮސްފައި ކަމަށާއި އެގޮތަށް ބަލާއިރު ބްރިޖު ފަދަ މަޝްރޫއުތަކަކީ މިވަގުތު ފެށޭ ޒާތުގެ ކަންކަން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ ކުރިއަށް އޮތް ތަނުގައި ރަނގަޅުވުމުން ސަރުކާރާއެކީ މަޝްވަރާކުރުން ރަނގަޅު ކަމަށާއި ބްރިޖް އެޅިއްޖެނަމަ ރައްޔިތުންނަށް ބޮޑުތަނުން ފަސޭހަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިވަގުތު ވެސް ކުރެވެން އޮތްނަމަ ކުރަންވީ ކަމެއް އެއީ. އެކަމަކު މިވަގުތުގެ ހާލަތަކީ އެއީއެއް ނޫން" ނާޒިލް ވިދާޅުވިއެވެ.