Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ކަންކަން ބަރަވެލި ސްޕީޑުގައި ދާ ކަމަށް ބުނެވެން އެބައޮތް: ނާޒިލް

ތަރައްގީގެ ކަންކަން ދަނީ ބަރަވެލި ސްޕީޑުގައި ކަމަށް ބުނެވެން އެބައޮތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރޭ ކްލަބްހައުސްގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ ކަންކަން ބަރަވެލި ސްޕީޑުގައި ދާ ކަމަށް ބުނެވެން އޮތީ ފަށަން ބުނެފައި ހުރި ބައެއް މަޝްރޫއުތައް ނުފެށި ލަސްވުން ފަދަ ޝަކުވާތަކުގެ ސަބަބުން ކަމަށާއި ނަމަވެސް އެކަން އެގޮތަށް ދިމާވީ އެތައް ސަބަބަކާއި ހުރެ ކަމަށެވެ.

އަދި ކުރިން ޝެޑިއުލް ކުރެވިފައި ހުރީ 2022 ވަނަ އަހަރު ނިމެންވާއިރަށް އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށާއި ނަމަވެސް ކަންކަން ދިމާވި ގޮތުން ގިނަ ކަންތައްތަކަށް ލަސްތަކެއް އައިސްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

"އުނދަގޫ އަސްލު މި ވާހަކަދައްކަން ވީމަ. އުނދަގޫ ވަނީ ބަރަވެލި ސްޕީޑާއި، މި ހުރިހާ އެއްޗަކީ އަޅުގަނޑުމެން ދައްކަމުން އައި ވާހަކަ، އަނެއްކާ އެ ވާހަކަ އަޅުގަނޑުމެންނާ ދިމާލަށް ދައްކަން އެހެން ބަޔަކަށް ފުރުސަތު ލިބޭ ގޮތަށް ކަންކަން ވަމުންދާތީ" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ކުރިން ކުރަން ރޭވިފައި ހުރި ހުރިހާ ކަމެއް ފަހަރުގައި ނުވެދާނެ ކަމަށާއި އެގޮތުން މިވަގުތުން މިވަގުތަށް ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރަން ސަރުކާރާ ގުޅިގެން ރައްޔިތުން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.

"ކުރިން ޕްލޭންވެފައި ހުރި ހުރިހާ ކަމެއް މި ދައުރުގެ ތެރޭގައި ނުވުމަކީ ހަމަ އެކަށީގެންވާ ކަމެއް" ނާޒިލް ވިދާޅުވިއެވެ.