ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ރާއްޖޭގެ 14 ރަށެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ރޭ 10:00 އާ ހަމައަށް ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި އޮތީ 14 ރަށެއް ކަމަށެވެ.
އެގޮތުން މޮނިޓަރިންގައި އޮތް ރަށްރަށަކީ، ގދ. ތިނަދޫ، ފ. ފީއަލި، ފުވައްމުލައްސިޓީ، ގއ. ވިލިނގިލި، އއ. ތޮއްޑޫ، . ދުވާފަރު، ގއ. ކޫއްޑޫ، ރ. މީދޫ، ކ. ގުރައިދޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ އަދި ތ. ކިނބިދޫ އެވެ.
މީގެތެރެއިން އެންމެ ގިނަ ދުވަހު މޮމިޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ އެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރިލް 24 ވަނަ ދުވަހުއެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،332 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2571 ކަމަށްވާއިރު އޭގެތެރެއިން 12 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 73،531 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 218 މީހަކު ވަނީ ނިޔާވެފައެވެ.