ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ މަނީލޯންޑްރީންގެ ޝަރީއަތަކީ ހިންގާފައިވާ "ޖަރީމާ"އެއް ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޗެނަލް13 ގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ޝަރުއީ ނިޒާމުގައި ޖެހުނު އެންމެ ހުތުރު ލައްގަނޑު ޖެހިފައިވަނީ ރައިސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނުފޫޒުފޯރުވުމުން ކަމަށެވެ.
އެގޮތުން އެ މައްސަލަ ފުރަތަމަ ބައްލަވަމުން ގެއްދެވި ގާޒި ހައިލަމް މަގާމުން ވަކިކުރުމަކީ ޝަރީއަތަށް ނުފޫޒުފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށާއި، އަދި އޭގެފަހުންވެސް ރައީސް ޔާމީންގެ ޝަރީއަތުގައި އެތައް "ޖަރީމާ"އެއް ހިންގާފައިވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މިހާރު ފެނިގެންދަނީ ފަނޑިޔާރުގެ ރައީސް ކަމުގެ ކޮއިލުގެ ތެރެއިން ހިންގަމުންދާ ނިޒާމު ކަމަށެވެ. އަދި ރައީސް ޔާމީނަށް ދައުވާކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކީ ރޯމާ ދުވާލު އަދުލު އިންސާފުން ކޮށްފައިވާ ވައްކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އަދީބު، ޒިޔަތު، ރައީސް ޔާމީންގެ މައްޗަށް ދޭ ހެކިބަސް، ރާއްޖޭގައި ކީއްކުރަންތޯ ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ގާނޫނީ ނިޒާމެއްގައި، ކިރިޔާވެސް އަދުލް އިންސާފުގެ ޒައްރެއްގެ މިންވަރުގެ ލޯތްބެއްހުރި ފަނޑިޔާރަކު ނަމަވެސް އެމީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްފައި ޝަރީއަތެއް ނުނިންމާނެ، ނިންމޭނެ ގޮތެއްވެސް ނޯންނާނެ" ޖަމީލް ވިދާޅުވިއެެވެ.
މީގެ އިތުރުން ޖަމިލް ވިދާޅުވީ ރާއްޖޭގައި މިނިވަން މުސްތަގީއްލު ޕްރޮސިކިއުޝަނެއް ނެތްކަމަށާއި، އެކަމުގެ ހެއްކަކަށް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި އަމަލުކުރަމުން އަންނަ ގޮތް ފުދޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އޮތް ނުފޫޒު ހާމަވާކަމަށް ޖަމީލް ވިދާޅުވިއެވެ.