Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރައީސް ސޯލިހް ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުގައި މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާކަމަށާއި، އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ޤައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ކަމަށް ރައީސްއޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަސްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް ސޯލިހް ލަންކާއަށް މިވަގުތު ވަޑައިގެން ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައެވެ.