Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ނަބާހާ އާއި މުބާލް

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ އަބްދުއްރައްޒާގް އާއި ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމް އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފިއެވެ.

ނަބާހާ އާއި މުބާލް އަށް ދިދަ ހަވާލުކުރުން އޮތީ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އޮލިމްޕިކް އެތްލީޓްސް ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޒުވާނުން ހުނަރުވެރި މި ދެ ކުޅުންތެރިންނަށް ދިވެހި ދިދަ ހަވާލުކޮށްދިނީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

މީގެކުރިން އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންމެ ގައުމަކުން ވެސް ދިދަ އުފުލުމުގެ ފުރުސަތު ދެނީ އެންމެ އެތްލީޓަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ކޮންމެ ގައުމަކުން ވެސް އަންހެން އަދި ފިރިހެން އެތްލީޓަކަށް ދިދަ އުފުލުމުގެ ފުރުސަތު ދޭން ނިންމައި އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. މިއީ ދެ ޖިންސުގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.

އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތްލީޓަކު ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެތުލެޓިކްސް އިން ރާއްޖެ ތަމްސީލްކުރާނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ސްވިމިންގް އިން ރާއްޖެ ތަމްސީލު ކުރާނީ އައިޝަތު ސާޖިނާ އާއި މުބާލް އެވެ. އެގޮތުން މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ. އަދި ސާޖިނާ ވާދަކުރަން ޖެހެނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގަ އެވެ.

ބެޑްމިންޓަން އިވެންޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ނަބާހާ ކަމަށްވާއިރު އޭނާ އަކީ ރާއްޖެއިން ބެޑްމިންޓަން އިވެންޓުން އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.