ރާއްޖެއަށް އެންމެ ނުރައްކާ އޮތީ ސިޔާސީ ހަރުކަށި މީހުންގެ ފަރާތުން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވެފައިވަނީ ހުރިހާ ސަރުކާރެއް ވެސް ވެރިކަމަށް އައިސްފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އެންމެ ނުރައްކާ އޮތީ ސިޔާސީ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ކަމަށާއި އެފަދަ މީހުން ވެރިކަން ހޯދުމަށް ކޮންމެ ފަދަ މަސައްކަތެއް ވެސް ކޮށްފާނެ ކަމަށެވެ.
އިންޑިއާގެ "ވިއޯން ނިއުސް"އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްތަކެއް ކުރުމުގެ ވާހަކަ އަބަދުވެސް ދެކެވޭކަމަށާއި، އަދި ބައެއް ޤާނޫނުތަކުގެ ތެރެއިންވެސް އެކަންކަން ކުރެވޭކަމަށެވެ.
އެހެންނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ފަށާއިރު އިދާރާތަކުގެ ތެރޭގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބިނަމަ، އެގޮތަށް ފަށާ މަަސައްކަތްތައްވެސް ކާމިޔާބު ނުވާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފުރަތަމަ އިދާރާތައް ރިފޯމް ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތެއް ނުކުރެވޭނެ، ހަރުކަށި ފިކުރުގެ މީހުން ހޯމް މިނިސްޓްރީ، ފުލުހުންގެ އިދާރާ، ސިފައިން، ކަސްޓަމްސް، އެޑިއުކޭޝަން މިނިސްޓްރީގަ ތިބިހާ ހިނދަކު. ފުރަތަމަ ރިފޯމް ކުރަންވީ މި އިދާރާތައް، އަދި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް ނެތްކަން ޔަގީން ކުރަންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަރުކަށި ފިކުރާދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ އިދާރާ އަދި ސިފައިން ތަމްރީންކޮށް ވަސީލަތްތައް އިތުރުކުރުމުގައި އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ. އަދި މިހާރުވެސް އެފަދަ ގިނަކަންކަން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.