Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަސްލު އެމްޑީޕީ އަކީ ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނުން

އަސްލު އެމްޑީޕީ މީހަކަށް ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނާނަމަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެހަމަލާއާ ގުޅޭގޮތުުން ނަޝީދު ދައްކަވަމުންދާ ވާހަކަފުޅު ތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ދެކޮޅު ނުހެއްދެވޭނެ ކަމުގައި އިންތި ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓަށް ރައްދު ދިން އާންމު ފަރާތަކަށް ދެއްވި ޖަވާބެއްގައެވެ.

އެގޮތުން އެ ފަރާތުން ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތެރިންނަށް އަނިޔާކުރިއިރު ރޮޒެއިނާ ޑީއާރްޕީގައި ހުންނެވީ ޑިމޮކްރެޓިކް އުސޫލު އެނގޭތީތޯ ސުވާލުކުރައްވާފައެވެ. އެ ޓްވީޓަށް ދެއްވި ޖަވާބުގައި ރޮޒެއިނާ ވިދާޅުވީ އޭރު ޑީއާރްޕީގައި ތިބި ވަރަށް ގިނަ މީހުން މިއަދު އެމްޑީޕީ މީހުންނަށް ވެސް ވަރަށް ކަމުދާ ކަމަށެވެ.

"ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނަންޏާ އެ އޮތީ އަސްލު އެމްޑީޕީ ވެފަ. ކިރިޔާ ވެސް ކަމުނުގޮސިއްޔާ އެ އޮތީ ޑީއާރްޕީ ވެފަ. މިއީ ބޮޑު ޖޯކެއް" ރޮޒެއިނާ ވިދާޅުވިއެވެ.

އަސްލު އެމްޑީޕީ ވާ ގޮތް މިހާރު ވަރަށް ސާފު ކަމަށާއި "ތީގެ އަަސްލަކަށް ނުވިޔަސް" ހެޔޮ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ކޯޅުން ބޮޑުވެ އަދި ސަރުކާރަށް ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާ ރައްދު ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށާއި އަދި ކޯލިޝަންގެ ބައެއް ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީ ދެ ފަޅި ވެފައިވާއިރު ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.