Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ނަޝީދު އަވަހާރަކޮށްލަން ތައްޔާރުވާން ފެށީ 2019 ވަނަ އަހަރު: ސީޕީ

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ތައްޔާރުވާން ފެށީ 2019 ވަނަ އަހަރު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފެށި ކަމަށެވެ. އަދި މޭ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ހަމަލާ އަކީ އެފަދަ ހަމަލާއެއް ރޭވި ތިންވަނަ ފަހަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީގެ ވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން މި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާ ދިނުމަށް އައީޑީ ހަރުކޮށް ގޮއްވާލި ސައިކަލަކީ 2019 ވަނަ އަހަރު ގަތް އެއްޗެއް ކަމަށާއި ފުރަތަމަ ހަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ މ. ޔާގޫތުގެ ކައިރީ ސައިކަލު ބަހައްޓައިގެން ކަމަށެވެ.

ނަމަވެސް އެތަނުގައި ހަމަލާ ދޭން އުނދަގޫވެގެން ފަހުން އެތަނުން ސައިކަލު ނެގުމަށްފަހު އެ އައިއީޑީ ޑިސްޕޯސްކޮށްލި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އަދި ދެވަނަ ފަހަރަށް އެމީހުން ރޭވީ ނަޝީދު ކަސްރަތަށް ވަޑައިގަންނަވާ ވަގުތު ހަމަލާ ދިނުމަށް ކަމަށާއި އެގޮތުން މެރީބްރައުން ކައިރީ އޮންނަ ޕާކިން ޒޯންގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދޭން މަސައްކަތްކުރި ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި ހަމަލާދޭން އުޅެފިނަމަ އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ނުކުރެވިދާނެ ކަމަށް ހީވުމުން އެމީހުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ހަމަލާ ނުދޭން ނިންމީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އެއަށްފަހު ދެން އެމީހުން ނިންމީ ނީލޯފަރުގޯޅީގައި ސައިކަލު ބަހައްޓައިގެން އައިއީޑީ ގޮއްވާލުމަށްކަން ފާހަގަކުރަމުން ރިޔާޒު ވަނީ ރިޔާޒު ވިދާޅުވީ އައިއީޑީ ތައްޔާރުކުރަން މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގައި ކަމަށެވެ. އަދި އައިއީޑީ ހަރުކުރި ސައިކަލު މޭ ތިން ވަނަ ދުވަހު ހުޅުމާލޭގައި ހުރި ގަރާޖަކަށް ގެންގޮސްގެން ސާވިސްކުރި ކަމަށާއި އެކަމާ ގުޅޭ ތަފްސީލުތައް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ހަމަލާ ދިނުމުގެ ކުރިން އެކި މީހުންނާއި ޓާސްކުތައް ހަވާކޮށް ކަން ކުރަންވީ ގޮތުގެ މައުލޫމާތު ދިނުމަށް މޭ މަހުގެ ހަތަރުވަނަ ދުވަހު ބައްދަލުވުމެއް ބޭއްވި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒު ވަނީ މިއީ ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި އެއާއެކު އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.