Last Updated: September 28, 15:53
Tuesday, September 28, 2021
ރިޕޯޓް

56 ވަނަ މިނިވަން ދުވަސް: މިނިވަންކަން އިހުސާސް ކުރެވޭބާ؟

ޤައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލުގެ ގޮތުގައި އެ ގައުމެއްގެ ރައްޔިތުން ދެކޭނީ އެ ބަޔެއްގެ މިނިވަންކަމެވެ. މިނިވަންކަން ނުލިބިގެން ރޮއި ހިތާމަ ކުރާ މީހުން ދުނިޔޭގައި މަދެއް ނޫނެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ހަގީގީ މިނިވަންކަމެއްގެ ފޮނިރަހަ އިހުސާސް ކުރެވޭނީ އަޅުވެތިކަން ފެނިފައިވާ ބަޔަކަށެވެ. ދިވެހިންނަކީ ނިއުމަތުން ފުރިފައިވާ ބައެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މުސްލިމު ޤައުމެއްގައި އިސްލާމްދީނާއި، މިނިވަންކަން އޮތުމަކީ ކިހައި ބޮޑު ނިޢުމަތެއްކަން ވިސްނާލައިފި ކޮންމެ މީހަކަށް އެނގޭނެއެވެ. އަޅުގަނޑުމެން ދިވެހީންނަކީ އިސްލާމްދިނުގެ ހިޔާ ލިބިފައިވާ މީހުންނެވެ. މިނިވަންކަމުގެ ހިޔަލުގައި ދިރިއުޅެމުންދާ ބަޔެކެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދަރީންނެވެ.

މިނިވަންކަން ހޯދުމަށް ޓަކައި ކާބަފައިން ކުރެއްވި ޖިހާދުގެ މަތީން އަޅުގަނޑުމެން ހަނދާންކުރާން ޖެހެއެވެ. ދިވެހި ތާރީޚުގެ ސަފުހާތަކަށް ބަލައިލާއިރު މި މަންޒަރުތައް ވަރަށް ރަނގަޅަށް ވަޒަން ކުރެވެއެވެ. އެ ވާހަކަތަކުން އިތުރު ޖޯޝެއް ކޮންމެ ގައުމުދެކެ ލޯބިވާ ދަރިއަކަށް ލިބިގެންދާނެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ މަދުފަހަރެއްގައެވެ. އޭގެ ކޮންމެ ފަހަރަކު ވެސް އެކަމަށް މަގުފަހިވީ ދިވެހި ޚާއިނުންގެ ސަބަބުންނެވެ. ބޭރުގެ ފަރާތްތަކާ ގުޅިގެން މަދު ބަޔަކު ކުރާ މި ފަދަ ލަދުވެތި ޢަމަލުގެ ސަބަބުން މިނިވަންކަން ގެއްލިފައިވާ އެފަދަ ކޮންމެ ފަހަރަކު މިނިވަންކަން ހޯދުމަށް ޓަކައި ކާބަފައިންގެ ތެރެއިން ހިތްވަރުގަދަ އަބްޠާލުން ނިކުމެ ކުރެއްވި ޖިހާދަށް ޝުކުރު ޙައްޤެވެ.

އެފަދަ އަބްޠާލުންގެ ތެރޭގައި ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކަން ހޯއްދެވުމަށް ޓަކައި އުތީމު މުޙައްމަދު ތަކުރުފާނު ވެވަޑައިގަތް ޤުރުބާނީ ފާހަގަ ކޮށްލެވެއެވެ. ހޮޅީންގެ އަތްދަށުން މިނިވަންވުމަށް ޓަކައި ދޮންބަންޑާރައިން ކުރެއްވި ޖިހާދު އަބަދުމެ ހަނދާން ކުރާންޖެހެއެވެ. އޭގެ ފަހުން 1988 ވަނަ އަހަރު ނޮވެންބަރު ތިން ވަނަ ދުވަހު ތަމަޅަ ޓައިގަރުން މާލެ އަރައި ދިން އުދުވާނީ ޙަމަލައިގާ ފުރާނަ ޤުރުބާންކޮށް ޤައުމު ސަަލާމަތްކޮށްދިން ބަޠަލުންގެ ހިތްވަރު ފެނިފައިވާ އެތައް ބަޔަކު މިއަދު ވެސް އެބަތިއްބެވެ. އެއިން ކޮންމެ ފަހަރަކު ދިވެހީންގެ މޮޅުވިސްނުމާއި، އެއްބައިވަންތަކަން ފެނިގެން ގޮސްފައި ވެއެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހީންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނުގުޑާ ފަދަ ޢަޒުމާއި ހިތްވަރާއި ކެރުމެވެ. އެހެންވާންޖެހޭ ސަބަބެއް ކަމުގައި ވަނީ ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމާ، ޞުލުޙަ މަސަލަސްކަމެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގައި ވަރުގަދައަށް ސާބިތުވެ ތިބި ތިބުމެވެ. ކޮންމެ ފަރުދަކު އެފަރުދެއްގެ ވާޖިބު އަދާކުރުމާއެކު މިނިވަންކަން ހޯދުމަށް ޓަކައި ކުރި ބުރަ މަސައްކަތެވެ.

މިނިވަންކަމަށް 56 އަހަރު ފުރެނީއެވެ. ސުވާލަކީ މިނިވަންކަމުގެ އިޙުސާސް މިއަދު ރައްޔިތުންނަށް ވަނީ ކިހާ ވަރަކަށްތޯއެވެ. މީގެ ކުރިން ގައުމު ދެކެފައިނުވާ އެތައް މަންޒަރުތަކެއް މިއަދު ދަނީ ފެންނަމުންނެވެ. މިނިވަންކަމާއެކު މަގެއްގައި ހިނގާލުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ޓެރަރިސްޓް ހަމަލާތައް ފަސްޖެހުމެއްނެތި ގައުމުގައި ވަނީ ދޭން ފަށާފައެވެ. ޤައުމުގެ މަތީ ފަންތީގެ ބޭފުޅުން އަވަހާރަ ކޮށްލުމަށް ދެވޭ ހަމަލާތަކެވެ. މީހުން ގެއްލުވާލާ ވީނުވީއެއް ނޭނގި އާއިލާތައް ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ކުށެއްނެތް އެތައް ބަޔަކު މަރަމުންދަނީއެވެ. މީހުން ކަތިލަނީއެވެ. އިއްފަތްތެރިކަން ފޭރެނީއެވެ. ދީނުން ބޭރުވާންވެސް މިއަދު ފަސްޖެހޭ މަންޒަރެއް ނުފެނެއެވެ. މިއީ މިނިވަންކަން އޮންނަ ތަންތަނުގައި ހިނގާ ކަންތައްތޯއެވެ؟ މި ކަމާއިމެދު ވިސްނަނީ ކިތައް ޒުވާނުންތޯއެވެ؟.މިއީ އިންތިހާއަށް ދެރަ ކަންތަކެވެ. ބޭރުގެ ނުފޫޒުތަކަށް ބޯލަނބާ އެފަދަ ނޭއްގާނީ ޢަމަލުތައް ނަކަލުކުރުން އަޅުގަނޑުމެން ހުއްޓާލަން ޖެހެއެވެ. އެއީ މިކަަހަކަ މުޖުތަމަޢުއަކުން ފެންނަން އެއްވެސް ބަޔަކު ބޭނުންވާނެފަދަ މަންޒަރުތަކެއް ނޫންކަން ޔަގީނެވެ.

ފަރުދީ މިނިވަންކަމަކީ ކޮންމެ ފަރުދަކުމެ ބޭނުންވާނެ ކަމެކެވެ. އެހެންނަމަވެސް އެއީ ތިމާ ބޭނުންހައި ގޮތަކަށް އުޅުމާ ބޭނުންހައި އެއްޗެއް ކޮންމެ މީހަކާ ދިމާއަށް ކިޔުމެއް ނޫނެވެ. މީހަކު، ތިމާއާ ދިމާއަށް ހެވަކަށް އެއްޗެއް ބުނާއިރަށް ތިމަންނާ އުޅޭނީ ތިމަންނާ ބޭނުން ގޮތަކަށޭ ބުނާއަޑު އިވެއެވެ. ތިމާއަށްވުރެ ދޮށީ މީހަކު އެއްޗެކޭ ބުނާއިރަށް އަމިއްލަ މިނިވަންކަން އޮންނާނޭ ބުނެ ރައްދު ދިނުމުން، އެމީހަކީ މޮޅު މީހެއްގެ ގޮތުގައި ދުށުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މަދުން ނަމަވެސް ފެންނަ ވަރަށް ނޭދެވޭ ސިފައެކެވެ. މިނިވަންކަމޭ ބުނެ ބޭނުންހައި، ގޮތަކަށް އުޅުމުގެ ޙައްޤު އަޅުގަނޑުމެންނަކަށް ލިބިފައެއް ނުވެއެވެ. އެއަށް މިނިވަންކަމޭ ނުވެސް ކިޔޭނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަން ދަނެ އިސްލާމީ ރިވެތި އުޞޫލާއި ހަމައިގައި ތިބޭން އެބަޖެހެއެވެ. ފަރުދީ މިނިވަންކަމަކީ ހެޔޮ ގޮތަށް، ހެޔޮމަގުގައި ތިމާއަށް ވާޖިބު ކަންކަންކުރުމުގެ ބާރާއި އިޚްތިޔާރު ލިބި ކަށަވަރު ވެފައި އޮތުމެވެ.

މި ކުޑަ ރީތި މިނިވަން ޤައުމުގައި މީގެ ކުރީން އަޅުގަނޑުމެން ދިރިއުޅެމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުންމަތީގައެވެ. މިއަދު އެހެނެއް ނޫނެވެ. އެ ދުވަސްތައް މާޒީއާއެކުވެ ހިނގައްޖެއެވެ. ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް ރާއްޖޭގެ އަގުވައްޓައިލާން މަސައްކަތްކުރާ ބަޔަކު އެބައުޅޭކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. މި ގައުމަށް ދަހިވެތިވެފައިވާ އެތައް ލޯތަކެއްވާކަން ދަންނަންއެބަޖެހެއެވެ. މިނިވަންކަން ބައިޤަރުނުގައި އޮތީތީ އެ ގޮތުގައި އަބަދު އޮންނާނެކަމަށް ދެކިގެން މިއަދު ތިބެވޭކަށް ނެތެވެ. އެ ކަންކަމާ ވިސްނައި ފިކުރުކުރާން އެބަޖެހެއެވެ. ބޭރު ޤައުމުތަކަށް ދިވެހީން ގޮސް ރާއްޖެ ބަދުނާމުކޮށް މިނިވަންކަން ނެތް ޤައުމެއްގެ ގޮތުގައި އަޑުއުފުލާ ނަމަ، އެ ގެއްލުން ދެވެނީ އެންމެ ފަރުދަކަށް ނޫނެވެ. އެއީ ތިމާ މޮޅުވާނެ ކަމެއްވެސް ނޫނެވެ. ބައެއްގެ ސަޕޯޓް ވަގުތޯ ގޮތުން ލިބުން ފިޔަވާ އެހެން ކަމެއް ނުވާނެކަން ދަންނަން އެބަޖެހެއެވެ. އެކަމުގެ ގެއްލުން ލިބޭނީ އަޅުގަނޑުމެން އެންމެން ލޯބިވާ މި ދިވެހިރާއްޖެއަށެވެ. މުޅި ޤައުމަށް ދެރައެއް ލިބޭ ފަދަ ގޮތަކަށް މަސައްކަތްކުރަމުން ގެންދާ ނަމަ، ކުރިމަގުގައި އަންނާން އޮތް ޖީލުތަކަށް ނޭދެވޭ އަސަރު ފޯރާނެއެވެ. އެއިގެ ގެއްލުން އާޚިރުގައި ލިބޭނީ ދިވެހި އެންމެ ފަރުދަކަށް ނޫނެވެ. މުޅި ޤައުމަށެވެ. ރާއްޖޭގެ އިސްތިޤުލާލަށާއި، މިނިވަންކަމަށް ހުރަސްއެޅޭ ބަޔަކަށް އަޅުގަނޑުމެން ދިވެހިން ވެގެން ނުވާނެއެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ލިބޭ ކެހި ވަރަށް ސާފުކޮށް އަޅުގަނޑުމެންގެ ތާރީޚުން އޮތީ ފެންނާށެވެ.

މިއަދަކީ މިނިވަންދުވަހެވެ. މިއަދު ޤައުމުގެ ކަރާމާތާއި ޝަރަފަށްޓަކައި މަސައްކަތްކުރާން ތިބީ އަޅުގަނޑުމެން ދިވެހީންނެވެ. އަބަދުވެސް ހަނދާން ކުރަމާ ހިނގާށެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ސުވާލުކުރުން ދޫކޮށްލާފަ، ތިމާއަށް މިލޮބުވެތި ޤައުމަށް ކޮށްދެވޭނެ ކަމަކާމެދު ފުރަތަމަ ވިސްނާށެވެ. ޤައުމެއް ދިރިދެމި އޮތުމަށް ޓަކައި އެ ޤައުމެއްގެ އަހުލުވެރީންގެ ބުރަމަސައްކަތުން ހޯދައިފައިވާ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ޒިންމާ ކަމުގައި ދެކެމާ ހިންގަވާށެވެ! މި ޤައުމުގެ މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލެހެއްޓެވުން އެދި އެންމެންގެ އަތްތައް އުފުލައި ދުޢާކުރަމާ ހިންގަވާށެވެ! މިނިވަން ހިޔަލުގައި މި ޤައުމު ތާއަބަދު ލެހެއްޓެވުމަކީ ހިތުގެ ފުންމިނުން ކުރެވޭ ދުޢާއެވެ.