Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމްކޮށް ސާބިތުކޮށްގެން

2023 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާގައި މައުސޫމްކޮށްގެން ސާބިތުކޮށްދިނުމަށްފަހު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން މިހާރު އޮތް ގޮތުން ޔާމީނަށް ދެން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން ރައްޔިތުންގެ ލޯތްބާއެކު 2023 ގައި ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުކޮށްދީގެން ކަމަށެވެ.

ޣައްސާން މިހެން ވިދާޅުވެފައިމިވަނީ ހުކުމެއްގައި ހުންނަވަނިކޮށް ޔާމީން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މައުމޫން ވަނީ ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.