Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ކޯސް ފުރިހަމަ ނުވުމުގައި އޮތީ ދަރިވަރުންގެ އިހުމާލު: އޭއޭއޭ

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން އެ ސްކޫލާއި ދެކޮޅަށް ދައުވާ ކުރާ ދަރިވަރުންގެ ކޯސް ފުރިހަމަވެފައި ނުވަނީ އެ ދަރިވަރުންގެ އިހުމާލުން ކަމަށް އޭއޭއޭ އިން ބުނެފިއެވެ.

އޭއޭއޭ އިން މިހެން ބުނެފައިވަނީ އެ ސްކޫލްގެ އަތުން ބަދަލު ހޯދަން އެ ސްކޫލާއި ދެކޮޅަށް 47 ދަރިވަރަކު ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައެވެ. ދަރިވަރުންގެ ފަރާތުން ޕްރޯ ބޯނޯ އުސޫލުން ކޯޓުގައި މި މައްސަލާގައި ތަމްސީލްކުރަނީ ޕްރިމިއާ ޗެމްބާސް ލޯ ފާމުންނެވެ.

އެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އޭއޭއޭގެ ފަރާތުން ބުނީ ސްކޫލާއި ދެކޮޅަށް ދައުވާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އެގްޒާމުން ފާސް ނުވެގެން ކޯސް ނުނިމި ތިބި ދަރިވަރުންނާއި، ހާޟިރީ ހަމަނުވެގެން އަދި ހާޟިރު ނުވެގެން ކޯސް ނުނިމި ތިބި ދަރިވަރުން ކަމަށެވެ. އަދި މީގެތެރޭގައި ދަރިވަރުންގެ އިހުމާލުން ކޯސް ނުނިމި ތިބި ދަރިވަރުން ވެސް ހިމެނޭ ކަމަށް އޭއޭއޭ އިން ކޯޓުގައި ބުނެފައިވެއެވެ.

ދަރިވަރުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ވަނީ ކޯޓުން ކަނޑައަޅާ ބަދަލު ދަރިވަރުންނަށް ލިބެންދެން އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެ ކަމަށާއި އަދި އެފަރާތުގެ ވިޔަފާރީގެ ހައްގުތައް ބަދަލުކުރުމާއި ގުޅޭ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅަން ހުށަހަޅާފައެވެ.

އަދި އޭއޭއޭ އިން ދަރިވަރުންނާ އެކު ވެފައިވާ އެއްބަސްވުމާއި އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މީގެއިތުރުން އެ ދައުވާގައި ވަނީ ތަމްރީނުގެ ނަމުގައި ހައްގު ނޫޏް ފައިސާތަކެއް ނަގާފައިވާ ކަމާއި އެގޮތުން ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިން އެއާކްރާފްޓް ނެތުމުގެ ސަބަބުން އެހެން އެއާކްރާފްޓްތައް ބޭނުން ކުރަން މަޖުބޫރުކުރުވައި އިތުރަށް ފައިސާ ނަގާފައިވާ ކަމަށްވެސް ބުނެފައެވެ.

ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެފައިވާއިރު، އޭއޭއޭ އިން ދާދިފަހުން ވަނީ އެ ސްކޫލްގެ ހިންގުން ރާއްޖޭގެ އެވިޑް ކޮލެޖާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރިއިރު އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހެދި އެއްބަސްވުން މި މަހުގެ 31 ގެ ނިޔަލަށް ހަމަވެއެވެ. އެ އެއްބަސްވުން އާކޮށްނުދޭން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީން (އޭއައިއޭ) ވަނީ ނިންމާފައެވެ.