Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޝިލްޕާ ދުވަހަކު ވެސް ގޯހެއް ނަހަދާނެ: ޕްރޮޑިއުސަރ ރަތަން

ޝިލްޕާ ޝެއްޓީ ދުވަހަކު ވެސް ގޯހެއް ނަހަދާނެ ކަމަށް ޕްރޮޑިއުސަރ ރަތަން ޖެއިން ބުނެފިއެވެ.

ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ ބަރަހަނާ ފިލްމުގެ ވިޔާފާރި ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ޝިލްޕާއަށް ސަޕޯޓްކޮށް ވާހަކަ ދެއްކުމަށް ކުރިޔަށް ނިކުތް މަދު މީހުންގެ ލިސްޓުގައި ރަތަން މިވަނީ ހިމެނިފައެވެ.

ޝިލްޕާވަނީ ރަތަންއާއެކު 2000 ވަނަ އަހަރު ފިލްމް"ދަޅްކަން"، އަދި 2002 ވަނަ އަހަރު "ހަތިޔާރު"ގައި މަސައްކަތް ކޮށްފައެވެ.

ރަތަން ވަނީ އޭނާއަށް ޝިލްޕާ އެނގިފައިވާ ވަރަށް ބަލާއިރު އޭނާ އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. "އަހަންނަކަށް ނޭނގޭ ޝިލްޕާއަށް އޭނާގެ ފިރިމީހާގެ ވިޔާފާރީގެ ކަންތައް އެނގެނީ ކިހާ ވަރަކަށް ކަމެއް. އެކަމަކު އެކަމުގައި ޝިލްޕާގެ އެއްވެސް އަތެއް ވާނެ ކަމަކަށް އަހަންނަށް ގަބޫލު ނުކުރެވޭ" ރަތަން ބުންޏެވެ.

އެކަމާއި ގުޅުން ހުރި ފަރާތްތަކުން މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށާއި އެހެން ކަމުން އެމީހުންނަށް ކަމުގެ ހަގީގަތް ބެލުމަށް ދޫކޮށްލާ ކަމަށް ވެސް ރަތަން ވަނީ ބުނެފައެވެ.

މިހާތަނަށް ޝިލްޕާ އޭނާގެ ފިރިމީހާގެ މައްސަލައާއި ބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. ކްރައިމް ބްރާންޗްގެ ފަރާތުން ދަނީ މައްސަލަ ތަހުގީގްކޮށް އެ ވިޔަފާރީގައި ޝިލްޕާގެ އެއްވެސް އަތެއް އޮތްތޯ ބަލަމުންނެވެ. އެންމެ ފަހުން ފުލުހުން ބުނެފައިވާ ގޮތުގައި އަދި މިހާތަނަށް އެމީހުން ބެލިބެލުމަކުން ޝިލްޕާ އެކަމުގައި އެއްބައިވެފައިވާ ކަމުގެ ހެއްކެތް ފެންނާކަށް ނެތެވެ.