Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މަޝްވަރާގެ އުސޫލެއް ނޯވޭ: ރޮޒެއިނާ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ އުސޫލެއް މިހާރު ނޯންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ރޮޒެއިނާ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިލެެއް ފޮނުވުމުން އެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ މެދުގައި މާބޮޑު މަޝްވަރާއެއް ނުކުރެވޭ ކަމަށާއި އެގޮތުން ބިލަކާއި މެދު ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނިންމަނީ ވެސް އެ ބިލަކަށް ވޯޓަށް އަހަން ކުޑަތަންވެފައިވަނިކޮށް ކަމަށެވެ.

"އެކަށީގެންވާ ގޮތަކަށް ނުދޭ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާތަކެއް. ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އަބަދު އެ މައްސަލަ ޖައްސަ ޖައްސާ އެ ތިބެނީ" ރޮޒެއިނާ ވިދާޅުވިއެވެ.

އަދި މީގެކުރިން ބިލަކާއި ގުޅޭގޮތުން މައުލޫމާތު ދޭން އެދިއްޖެނަމަ ވަޒީރުން ވެސް މަޖިލީހަށް ވަޑައިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ބައްދަލުކޮށް މަޝްވަރާތައް ކުރެވޭ ކަމަށާއި ނަމަވެސް ޕާލަމެންޓްރީ ގްރޫޕްގައި މިހާރު މަޝްވަރާގެ އުސޫލެއް ނޯންނަ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"މިހާރު މި އޮންނަ ގޮތަކީ ހަމަ ވަކި ކުޑަ ގްރޫޕަކުން އެއްވެލާފައި، އެ ބޭފުޅުން ދެކޭ ގޮތަކަށް ހުރިހާ ކަމެއް ނިންމުމުގެ ވިސްނުމެއްގައި މިދަނީ" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ގަވާއިދުން ބާއްވައި، އެ ހަފްތާއެއްގައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރެވޭނަމަ މައްސަލަތައް ހައްލުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ބިލުތަކާއި ގުޅޭގޮތުން މަޝްވަރާ ނުކުރާ ކަމަށް ބުނެވެން ނެތް ކަމަށާއި އެމްޑީޕީގެ ޕީޖީ ގްރޫޕުން އެކަމާ އުޅޭނަމަ އެކަން ވާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.