Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

އެވިޑުން އޭއޭއޭ ހިމާޔަތް ކުރަނީ، ދަރިވަރުން ވާނުވާގައި!

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލް މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާއިރު، އެވިޑް ކޮލެޖުގެ މަގުސަދަކީ ފްލައިން ސްކޫލް ހިންގާ އޭއޭއޭ ހިމާޔަތް ކުރުން ކަމަށް އެ ސްކޫލްގެ ދަރިވަރުންތަކެއް ބުނެފިއެވެ.

ފްލައިން ސްކޫލް ހިންގުން އޭއޭއޭ އިން ދާދިފަހުން އެވިޑް ކޮލެޖާއި ހަވާލުކޮށްފައިވާއިރު، އެ ސްކޫލް ހިންގަން ގަން އެއާޕޯޓު ކުންފުންޏާއެކު އޭއޭއޭ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ނުދޭން ނިންމައި އިމާރާތް ހުސްކުރަން ގަން އެއާޕޯޓު ކުންފުނިން ވަނީ އޭއޭއޭ އަށް އަންގާފައެވެ.

ފްލައިން ސްކޫލް މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު "އައްޑޫލައިވް" އާއި ވާހަކަދައްކަމުން އެ ސްކޫލްގެ ދަރިވަރުންތަކެއް ބުނީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަކީ ސިވިލް އޭވިއޭޝަން އަދި ހަޔާ އެޑިއުކޭޝަނުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލެއް ނޫން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމާއި އަދި ފްލައިން ސްކޫލެއް ހިންގަން ބޭނުންވާ އެޕްރޫވް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) ލައިސެންސް ވެސް ނެތް ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެވިޑް ސްކޫލަކީ ވުޖޫދުގައި ނެތް ތަނެއް ކަމަށްވާއިރު، އެ ސްކޫލުން އެންރޯލްމެންޓް ފޯމު ވެސް ދަރިވަރުންނަށް ފޮނުވަމުންދާ ކަމަށާއި މިއީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ދަރިވަރުން ބުނެއެވެ.

"އެވިޑުން ދަރިވަރުންނާއި ބައްދަލުކުރުމަށްފަހު އެބަ ބުނޭ އޭއޭއޭގެ އޭޓީއޯގެ ދަށުގައި ސްކޫލް ހިންގޭނެ ކަމަށް. އެކަމަކު ސިވިލް އޭވިއޭޝަނުން އެއް ބަޔަކަށް ދީފައިވާ ލައިސަނެއް އެހެން ބަޔަކު ބޭނުން ކުރުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން. އަނެއްކޮޅުން މިކަން މިގޮތަށް ކުރުމަށް ސިވިލް އޭވިއޭޝަނުން ވެސް ހުއްދައެއް ދީފައެއް ނުވޭ" ދަރިވަރަކު ބުންޏެވެ.

މީގެއިތުރުން ރިފަންޑަށް އެދިފައިވާ ބައެއް ދަރިވަރުން އެ ފައިސާ އަނބުރާ ހޯދަން އޭއޭއޭގައި އެދުމުން އެވިޑާއި ވާހަކަދައްކަން އަންގަމުންދާ ކަމަށާއި ނަމަވެސް މިކަމުގައި އެވިޑްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށްވެސް މައުލޫމާތުދިން ދަރިވަރަކު ބުންޏެވެ.

"އަހަރުމެން އެންރޯލްވީ އޭއޭއޭ އަށް. އޭއޭއޭގެ މެނޭޖްމެންޓް އަދި ބަދަލުވިޔަސް އެކަން ރަސްމީކޮށް ދަރިވަރުންނަށް ވެސް އެނގެން އެބަޖެހޭ. މިހާތަނަށް ދަރިވަރުންގެ ހައްގު ކަށަވަރުކޮށްދިނުމަށް މިހާތަނަށް ލިޔުމުން އެންގުމެއް އަންގާފައެއް ނުވޭ، ހުރިހާ ވެސް މުއާމަލާތެއް ކުރަމުން އަންނަނީ އަނގަ ބަހުން" ދަރިވަރަކު ބުންޏެވެ.

ދަރިވަރުން ދެން ފާހަގަކުރި އަނެއް ކަންބޮޑުވުމަކީ އޭއޭއޭ އާއި އެވިޑާއި ދެމެދު ހިނގާފައިވާ މުއާމަލާތުގައި ދެފުށް ފެންނަ ގޮތަކަށް ކަންކަން ހިނގާފައި ނުވުމެވެ. އެގޮތުން މީޑީއާތަކުގައި އޭއޭއޭގެ މުދާ ގަނެގެން ސްކޫލް ހިންގާ ކަމަށް އެވިޑުން ބުނެފައިވީ ނަމަވެސް ސިވިލް ކޯޓަށް އޭއޭއޭ އިން ހުށަހެޅި ލިޔުމެއްގައި އޭއޭއޭ އިން ސްކޫލް ހިންގަން އެވިޑާއި ހަވާލުކޮށްފައިވަނީ ލީސް އެއްބަސްވުމެއްގެ ދަށުން ކަމަށް ދަރިވަރުން ބުނެއެވެ.

"އޭއޭއޭ އަތުން ގެއްލުމުގެ ބަދަލު ހޯދަން ދަރިވަރުންތަކެއް ކޯޓަށް ވައްދާފައިވާ މައްސަލަ އަނބުރާ ގެންދަން ވެސް އެވިޑުން ބައެއް ދަރިވަރުން ގާތު އެބަ ބުނޭ. އެކަމަކު މިއީ އެވިޑާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ވެސް ނޫން. އެވިޑަކީ ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ސްކޫލެއް ނޫން، އެހެން ކަމަށްވާއިރު އެވިޑުން މިކުރަނީ އޭއޭއޭ ހިމާޔަތް ކުރުން ކަމަށް ބެލެވެން އެބައޮތް"

ދަރިވަރުންގެ ކަންބޮޑުވުން ފްލައިން ސްކޫލް މައްސަލާގައި ބޮޑުވެފައިވާއިރު، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ވަނީ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭއޭއޭގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށް އަންގާފައެވެ.

ނަމަވެސް ކޮމިޓީގެ ރިޕޯޓުގައިވާ ކަންކަމަށް ސަރުކާރަށް އަމަލީ ސިފައެއް ނުގެނެވި ދިގުލައިގެން ގޮސްފައިވާއިރު ފްލައިން ސްކޫލްގެ އެއްބަސްވުން ހަމަވުމުން ދެން ވާނެ ގޮތެއް ވެސް ސަރުކާރުން އަންގާފައި ނުވުމަކީ ވެސް ދަރިވަރުންގެ އޮތް ކަންބޮޑުވުމެކެވެ.

އަދި ހައްގުތައް ހޯދުމަށް ދަރިވަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އޭއޭއޭ އިން ކޯޓުގައި ވެސް ދައްކަމުން އަންނަނީ ދަރިވަރުން ކުށެވެ. އޭއޭއޭ ބުނާ ގޮތުންނަމަ ކޯސް ވެސް ފުރިހަމަ ނުވަނީ ދަރިވަރުންގެ އިހުމާލުންނެވެ. އޭއޭއޭގެ އަމަލުތައް މިގޮތަށް ހުރިއިރު ދިވެހި ބަޔަކު ކުރިއަށް ނެރެ، ދަރިވަރުންނަށް ދިން އަނިޔާތައް ފޮރުވައި، ކަމުން ރެކިގަންނަން މަސައްކަތް ކުރާއިރު ވެސް ސަރުކާރުން އަތް އުރާލައިގެން ތިބޭ ތިބުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ.