Last Updated: April 24, 23:11
Thursday, April 25, 2024
ވިޔަފާރި

ބަލްގޭރިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރާއި މަޝްވަރާ ކުރައްވައިފިއެވެ.

މިިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ޑރ. ސްޓެލާ ބަލްޓޯވާއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ރާއްޖެއާއި ބަލްގޭރިއާގެ ގުޅުން ބަދަހިކުރުމަށްް މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ބަލްގޭރިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަޝްވަރާ ކުރައްވާފަވެއެވެ.

މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގެ ތެރެއިން ބަލްގޭރިއާގެ ފޮރިން މިނިސްޓަރު ސްވެޓްލަން ސްޓޮއެވްއާއި، ޑެޕިއުޓީ މިނިސްޓަރު ޒަރިޓްސާ ޑިންކޮވާ އާއިވެސް ވަނީ ބައްދަލުކުރައްވާފައި ވެއެވެ. އެ ބައްދަލުވުމުގައި ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ރާއްޖެއާއި ބަލްގޭރިއާގެ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިންޑިއާ އަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ވެސް ޝާހިދު ބައްދަލުކުރެއްވިއެވެ.