Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

ރައްޔިތުންގެ ބިން ނެގުމަށް ފަހު ކޯޓަށް ދާން މޭޔަރަކަށް ނޭންގޭނެ!

އައްޑޫ ސިޓީގެ މާމެންދޫ ސަރަހައްދުން ރައްޔިތުންނަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި ރައްޔިތުންގެ ރުހުމަކާ ނުލާ ނެގުމަށް ފަހު، އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ރައްޔިތު މީހާ ކޯޓަށް ދާން ގޮވުމުން ގިނަ ބަޔެއްގެ ފާޑުކިިޔުންތައް ވަނީ އަމާޒުވެފައެވެ.

މިކަން ހިނގާދިިޔަ ގޮތާ ގުޅޭގޮތުން "އައްޑޫލައިވް" އިން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް ލޯ ސެންޓަރ(ޕީއެލްސީ) ގެ ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރުމުން، އެ ފަރާތުން ބުނެފައިވަނީ، ދައުލަތުން ނުވަތަ ކައުންސިލުން ބަންޑާރަ ގޯއްޗެއް ރައްޔިތުންގެ އަތުން ނެގޭނީ އޭގެ ބަދަލުގައި ގޯއްޗެއް ދިނުމަށް ފަހު އެގޯއްޗާ މެދު އެ މީހަކު އެއްބަސް ވުމުން ކަމަށެވެ.

ކައުންސިލުން ދޭ ބަދަލާ މެދު އެ މީހަކު އެއްބަސް ނުވެއްޖެނަމަ ދެން މައްސަލަ ހައްލު ކުރަން ޖެހޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށާއި، ކޯޓު މެދުވެރިކޮށް މައްސަލަ ހައްލުކުރަން ކޯޓަށް ދާން ޖެހޭނީ ކައުންސިލުންނެވެ. އަދި ކައުންސިލަކަށް ނުވަތަ މޭޔަރަކަށް ވެސް ރައްޔިތު މީހާ ކޯޓަށް ދާން އެންގޭނެ ހާލަތެއް ގާނޫނު ތަން ނުދޭ ކަމަށް ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

ވިޔަފާރި ބޭނުމަށް ނުވަތަ ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތައް ކުރުމަށް ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބިން ނެގުމުގެ ބާރު ދީފައި އޮތް ނަމަވެސް، އެކަން ކުރަން އޮންނަ ގޮތަކީ ބިމުގެ ވެރިޔާއާ ކައުންސިލާ ދެމެދު ހެދޭ އެއްބަސްވުމަކަށް ފަހުގައެވެ.

އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލް ކައިރިން ގޯތިތައް ނަގަން ކައުންސިލުން ނިންމާފައިވަނީ އެ ގޯތިތަކުގެ ވެރިންނާއި މަޝްވަރާ ކުރުމެއް ނެތި ދަންވަރު ގަޑީގައި ޖަލްސާ ބާއްވައިގެން ރައްޔިތުންނަށް ސިއްރުކޮށްގެންނެވެ. އެކަމާ މެދު އެތައް ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނިކޮށް މޭޔަރު އަލީ ނިޒާރު ވަނީ ހިތްހަމަ ނުޖެހޭ ނަމަ ކޯޓަށް ދިއުމަށާއި އެކަމަށް ކައުންސިލްގެ ގާނޫނީ ޓީމު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

އެއްބަސްވުމެއް ނަހަދާ ރައްޔިތަކަށް ދޫކުރެވިފައިވާ ބިމެއް ކައުންސިލްގެ ބޭނުމަށް ނަގާފައިވާކަން އަންގާ ފޮނުވާ ޗިޓަކީ އޭގައި ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ޗިޓެއް ކަމަށް ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކައުންސިލުން ހުށައަޅާ ބަދަލުގެ ހުށައެޅުމަށް ބިމުގެ ވެރިޔާ އެއްބަސް ވެއްޖެނަމަ، އަދި ޝަރުއީ ކޯޓެއް މެދުވެރިކޮށް މައްސަލަ ނިންމާއިރު، ކޯޓުން ކައުންސިލުން ހުށައަޅާ ބަދަލަކީ އަދުވެރި ބަދަލެއް ކަމަށް ނިންމައިފިނަމަ ކައުންސިލަށް ބިން ނެގުމުގެ ބާރު ލިިބިގެންވެއެވެ.

ނަމަވެސް ބިން ދޫކޮށްފައި ވާތާ ފަސް އަހަރު ވެ، މަސައްކަތެއް ނުކުރާ ބިންތައް އަތުލުމުގެ ބާރު ކައުންސިލަށް ލިބިގެން ވެއެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން 44 ބިން ކައުންސިލަށް ނަގާފައިވާ އިރު ބިމުގެ ވެރިންގެ ފަރާތުން އެކަން ހުއްޓުވުމަށް މިހާރު ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށައަޅާފައެވެ.