Last Updated: April 20, 14:10
Saturday, April 20, 2024
ވިޔަފާރި

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް 15 ދަރިވަރުންނާއެކު ކުރިއަށް

ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު ތިން ވަނަ އަހަރަކަށް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

12 މަސް ދުވަހަށް ބެހިގެންދާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ ޓްރެއިނިންގ ގެ މުއްދަތުގައި މުސާރަ ދެވޭނެއެވެ. އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފް ކުރީ 2018 ވަނަ އަހަރެވެ. މިހާތަނަން މި ޕްރޮގްރާމުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 14 ފަރާތަކަށް ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.