Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މިސަރުކާރުގެ ވެރިން ވެސް މަރު ކޮމިޝަނަށް ހާޒިރު ކުރާނެ ދުވަސް ދުރެއްނޫން: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ﷲގެ އިރާދަފުޅާއެކު މަރު ކޮމިޝަނަށް މި ސަރުކާރުގެ ވެރިން ހާޒިރު ކުރާނެ ދުވަސް ދުރު ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ލ. ގަމުން މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑަށް ގެއްލުނު ޝިމާ ނާފިޒް ގެއްލުނު މައްސަލައިގެ ތަހުގީގް އަނެއްކާ ވެސް ފުލުހުން ފަށާފައިވާ ކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލްއަކަށް އިޝާރަތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ޝިމާއަށް ވީގޮތެއް މިހާގިނަ ދުވަސްވީ އިރުވެސް ނޭނގުނީ ކީއްވެ؟ ހުރަސް އަޅަނީ ކާކު؟ މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެ؟ މަރު ކޮމިޝަނަށް މި ސަރުކާރުގެ ވެރިން ހާޒިރު ކުރާނެ ދުވަސް ދުރެއް ނޫން. އިންޝާ ﷲ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝިމާ ގެއްލުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިބްރާހިމް ފަޒީލް ނަމަކަށް ކިޔާ މީހަކާ އެއްކޮށް ޑިންގީގައި ދަނިކޮށެވެ. ޑިންގީ ދުއްވަން އިން ފަޒީލް ވަނީ އެ ހާދިސާގައި ސަލާމަތްވެފައެވެ. އޭނާ ސަލާމަތްވީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ލާމު ރިސޯޓަށް އަރައިގެންނެވެ.

ފުލުހުން ޝިމާ ގެއްލުނު ކަމަށް ބުނާ ސަރަހައްދު ބަލާފައިވެއެވެ. އަދި އެކަމަށް ޑައިވިން ރޮބޮޓުވެސް ބޭނުންކޮށްފައިވެއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އޭނާގެ އެންމެ ބޮޑަށް ތުހުމަތު ވަނީ އޭނާއާ އެކު ޑިންގީގައި ހުރި ފަޒީލަށެވެ. ފަޒީލްއަކީ މީގެ ކުރިން ޖިނާއީ އެކި އެކި ކުށްތަކުގެ ތުހުމަތުގައި ޖަލަށްލާފައިވާ މީހެކެވެ.

ޝިމާ ގެއްލުނު ފަހުން ފަޒީލްއާއި އިތުރު ބަޔަކު ޝިމާގެ ކޮއްކޮ ކިޑްނެޕްކޮށް ޑިންގީއަކަށް އަރުވައިގެން ދަނިކޮށް ފުލުހުން އެ މީހުން ހުއްޓުވައި ހައްޔަރުވެސް ކުރިއެވެ. އެ މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާ ކުރަން މިހާރު ވަނީ ނިންމައިފައެވެ. އެކަމަކު ފަޒީލް ވަނީ ޝިމާގެ މައްސަލައިގައި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އޭނާ މަސައްކަތް ކުރި ކަމަށެވެ.