Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ޙިރާ ސްކޫލްގެ ހުރިހާ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ޙިރާ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފިއެވެ.

ހިރާ ސްކޫލްގެ މެނޭޖްމަންޓްގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޙިރާ ޢާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލުން އަަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ޙިރާ ފައުންޑޭޝަންގެ އެކްސްކޯ މެމްބަރެއް ކަމަށްވާ ޝެއިޚް އަނީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުޅި ރާއްޖެއިން 2 ވަނައަށް ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރި ސްކޫލަކީ ޙިރާ ސްކޫލް ކަމަށެވެ.

"الحمد لله. މުޅި ރާއްޖެއިން 2 ވަނައަށް ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރި ސްކޫލަކީ ޙިރާ ސްކޫލް.
ދަރިވަރުންނާއި ޙިރާ ޢާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ސްކޫލުން ކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ޝެއިޚް އަނީލް ވިދާޅުވިއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ވެެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ސްކޫލުގެ ކިޔަވައިދިނުން އާންމު ހާލަތުގައި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ވީއެންމެ އަވަހަކަށް ފުރިހަމަކުރުމަށް ބާރުއަޅާ ކަމަށެވެ.

އެގޮތުން ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަަކަށް ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް މާލެ އާއި އަތޮޅުތެރޭގައި ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތް ނަމަ، ވެކްސިން ނުޖެހޭ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށް ވެސް އެދިފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.