Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާދީ ޒަޚަމް ކޮށްލައިފި

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ލ. ފޮނަދޫގައި މަސްއޫދަށް ހަމަލާދިނީ އަންހެނުން ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް ރޭ 9:30 ހާއިރު ކަމަށް އޭނާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މީގެކުރިން ފޮނަދޫގައި މަސްއޫދުގެ ކާރު ބާއްވާފައި އޮއްވާ ކާރުގައި ރޯކޮށްލާފައިވެއެވެ. އަދި ރޭގެ ހަމަލާ ދީފައިވަނީ ކާރު ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާކަމަށްވާ ފޮނަދޫ ދިކުސާގޭ އަހްމަދު ޝަމީމް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަސްއޫދުގެ އަނބިމީހާއާއި ވެސް އެ މީހާ މީގެ ކުރިން ދިމާކޮށްފައިވާ ކަމަށާއި ރޭގެ ހާދިސާ އައި އޭގެ ކުރީގެ ހާދިސާތަކުގެ މައްސަލަ ވެސް އޭނާ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް މަސްއޫދު ބުނެފައިވާ ކަމަށް އޭނާއާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ހަމަލާދިން މީހާ ފަހަތުން ސައިކަލަކުން އައިސް އުޅުނީ މަސްއޫދު ބޮލުގައި ޖަހަން ކަމަށާއި ބޮލާއި ދިމާލަށް އަތް ގެންދިޔުމުގެ ސަބަބުން އެ ހަމަލާ އަމާޒުވީ އޭނާގެ އަތަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ބެހޭ ގޮތުން ފުލުހުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.